ބޭސް ސިޓީ އާކުރަން އައިޖީއެމްއެޗުގައި ޚާއްސަ ފޮއްޓެއް ބަހައްޓައިފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ ބޭސްތައް ނަގަން ބޭސް ސިޓީ އާ ކުރަން ޚާއްސަ ފޮއްޓެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބަހައްޓައިފިއެވެ.

އެކި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހުންގެ ބޭސް ސިޓީ މިހާތަނަށް އާކުރަމުން އައިސްފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަށް ފަހުއެވެ. ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ބޭސް ސިޓީ އާ ކުރުމަށް ޑޮކްޓަރަށް ދެއްކުމުގައި ގިނަ ދުވަސްތަކެއް ހޭދަވާތީ އާންމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެއެވެ.

އައިޖީއެމްއެޗުން ބުނީ އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެހޮސްޕިޓަލުގެ އިންފޮމޭޝަން ކައުންޓަރުގައި "ޕްރިސްކްރިޕްޝަން ރިނިއުއަލް ޑްރޮޕް ބޮކްސް" އެއް މިހާރު ބަހައްޓާފައި ވާނެ ކަމަށެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 15:00 އަށް މި ފޮށި ބަހައްޓާފައި ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އަދި އެ ފޮއްޓަށް ބޭސް ސިޓީ ލުމުން، ޖެހިގެން އަންނަ ދުވަހު އާ ބޭސް ސިޓީއެއް ލިބޭނެ ކަމަށް އައިޖީއެމްޗުން ބުނެއެވެ. އާ ބޭސް ސިޓީ ހަވާލުކުރުމަށް ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ޖެހިގެން އަންނަ ދުވަހު ގުޅާނެއެވެ. އާ ބޭސް ސިޓީ ދޫކުރާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

comment ކޮމެންޓް