މީރާގެ "ކޮބާ ރަސީދު"ގައި މާދަމާއިން ފެށިގެން ބައިވެރިވެވޭނެ

އާންމުންގެ މެދުގައި ވިޔަފާރި މުއާމަލާތްތަކުގެ ރަސީދު ހޯދުމަށް އަށަގެންނެވުމުގެ ގޮތުން މީރާ އިން ކުރިއަށް ގެންދަން ނިންމާފައިވާ "ކޮބާ ރަސީދު" ޕްރޮމޯޝަނުގައި މާދަމާއިން ފެށިގެން ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ މަހަކު ވެސް ނަސީބުވެރިއެއް ހޮވާނެއެވެ. އެންމެ ގިނައިން ރަސީދު ފޮނުވާ މީހުންގެ މެދުގައި ގުރުލައިގެން ބޮޑު އިނާމު ލިބޭ ނަސީބުވެރިއެއް ވެސް ހޯދުމަށް ވަނީ ނިންމާފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 15 އެޕްރީލުގެ ނިޔަލަށެވެ.

އެގޮތުން ކޮންމެ މަހަކު ރަސީދު ފޮނުވާ މީހުންގެ ތެރެއިން ހޮވޭ ނަސީބުވެރިފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި އެންމެ ބޮޑު ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމީހެއްގެ ރަސީދުގައި އެމީހެއްގެ ނަންބަރު ޖެހުމަށް ފަހު، ފޮޓޯ އެއް ނަގާފައި ފޮނުވާނީ 7291415 އަށެވެ.

މި ޕްރޮމޯޝަނަކީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީގެ ރޭޓަށް އައިސްފައިވާ ބަދަލާ ގުޅިގެން، ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމަށް މީރާ އިން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިނެކެވެ. މި ކެމްޕެއިނަކީ 2015 ވަނަ އަހަރު މީރާ އިން ފެށި ޕްރޮގްރާމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް