ބީލަމުގެ އުސޫލުން ޔޫޒާނޭމް ވިއްކަން ޓްވިޓާއިން ނިންމައިފި

ޓްވިޓާ

އޮންލައިންކޮށް ބީލަމުގެ އުސޫލުން އިންއެކްޓިވް ޔޫޒާނޭމްތައް ވިއްކަން ޓްވިޓާއިން ނިންމައިފިއެވެ.

ޓްވިޓާއިން ބުނީ މިއީ އިންއެކްޓިވް އެކައުންޓްތައް އަލުން އެކްޓިވްކޮށް، އެފަދަ އެކައުންޓެއް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ޓްވިޓާއާއި ހަވާލާދީ ނިއުޔޯކްޓައިމްސްއިން ބުނާގޮތުގައި، ބީލަމުގެ މަރުހަލާއަށް ޝަރުތު ހަމަވާނީ ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން އެކްޓިވްކޮށް ހުރި ޔޫޒާނޭމްތަކަށް ކަމަށެވެ. އަދި ބޭނުންކުރާ ޔޫޒާނޭމް މެދުވެރިކޮށް ބިޑް ކުރުމުގެ ފުރުޞަތު ލިބިގެންދާއިރު، އެންމެ ބޮޑު ބިޑެއް ހުށަހަޅާ ފަރާތަށް އެކައުންޓުގެ ރައިޓްސް ލިބިގެންދާނެއެވެ.

ޓްވިޓާއިން ބުނީ ބީލަމުގެ ކަންކަން ކުރިއަށް ގެންދާނީ ތާޑް ޕާޓީ ޕްލެޓްފޯމެއް މެދުވެރިކޮށް ކަމަށާއި ބީލަމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނެ ކަމަށެވެ.

ޑިސެމްބަރު މަހު މާސްކް ކުރެއްވި ޓްވީޓެއްގައި ވަނީ ޓްވިޓާއިން ވަރަށް އަވަހަށް 1.5 ބިލިއަން ޔޫޒަރނޭމް މިނިވަން ކުރަން ފަށާނެ ކަމަށެވެ. އޭނާ ބުނީ މިއީ "އަހަރުތަކެއް ވަންދެން ޓްވީޓެއް ނުކޮށްހުރި އަދި ލޮގިން ނުކޮށް ހުންނަ އެކައުންޓް ޑިލީޓް ކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

ޓްވިޓާގެ މިހަރަކާތް ފެށުމުގެ ކުރިން، މިހާރު އިންއެކްޓިވް އެކައުންޓްތައް ހުންނަ ފަރާތްތަކުގެ އެކައުންޓް ބީލަމަށް ހުށަހެޅުމުގެ ކުރިން އަލުން އެކްޓިވޭޓް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އިންއެކްޓިވް ޔޫޒާނޭމް ވިއްކުމަށް ޓްވިޓާއިން އެޅި ފިޔަވަޅަކީ އެ ކުންފުނީގެ ޕްލެޓްފޯމްގައި ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރަށް ހަރުދަނާކުރުމަށް އެކުންފުނިން ކުރަމުންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެވެ. އެކުންފުނިން މީގެ ކުރިން ވަނީ އިންއެކްޓިވް އެކައުންޓްތައް ނައްތާލުމަށާއި ސްޕޭމް އަދި ފޭކް އެކައުންޓްތައް ހުއްޓުވަން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ.

މިފިޔަވަޅަކީ މީހުން ބޭނުންވާ ޔޫޒާނޭމް ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މާޔޫސްވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދާނެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަދި ބީލަމުން ލިބޭ ފައިސާއިން ފައިދާ ކުރާނެ ޗެރިޓީ ޖަމިއްޔާތަކަށް ވެސް ލިބޭނެ ކާމިޔާބީއަކަށް ވާނެއެވެ.

comment ކޮމެންޓް