ރެހެންދި ސްކޫލަށް ދިމާވި ފެނުގެ މައްސަލަ ހައްލު ކޮށްފި

ހުޅުމާލެ ރެހެންދި ސްކޫލް

ހުޅުމާލެ ރެހެންދި ސްކޫލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުވެފައިވާ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެ ސްކޫލުގެ ފެނުގެ ނިޒާމަށް މައްސަލަ ދިމާވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރުއެވެ. ހޯމަ ދުވަހުން ފެށިގެން ބައެއް ގަޑިގަޑީގައި އެ ސްކޫލަށް ބޯފެނާއި ފާޚާނާތަކުގައި ބޭނުންކުރާނެ ފެން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެއާއެކު ބައެއް ސެޝަންތަކުގައި ކިޔަވައިދޭން ވެސް ދަތިވިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސްކޫލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ޕަންޕު މިއަދު ބެހެއްޓިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިއަދު ހައްލު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޙުމަދު އަލީ އިއްޔެ ވިދާޅުވީ ރެހެންދި ސްކޫލުގެ ފެން ތާނގީތައް ހުންނާނީ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އެހެންކަމުން ފާއިތުވި ތިން ދުވަހު ފެން ގިނައިން ބޭނުންކުރާ ވަގުތު ފެނުގެ ޕްރެޝަރު ބޮޑުވެ، ތާންގީތަކަށް ފެން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރެހެންދި ސްކޫލަށް ފެން ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީންނެވެ.

comment ކޮމެންޓް