އިވްނިން ކެފޭ އަލިފާނުގެ ހާދިސާ: ހަތް މީހުން ވަގުތީ ބޯހިޔާވަހިކަމަށް

އަލިފާުނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުން ޖެހިފައިވާ މީހުން ދެނެ ގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެންޑީއެމްއޭއިން ބުނޭ--- ސަން ފޮޓޯ/ ނާއިލް ހުސައިން

މާފަންނު އޯކިޑްމަގުގައި ހުންނަ އީވްނިންގް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނާ ޖެހިގެން ހުންނަ މ. ގުލޭނޫރަންމާގޭގެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތީރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުން ޖެހިފައިވާ މީހުން ދެނެ ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ގުލޭނޫރަންމާގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނީ އެގެއަށް ވަދެވެން ނެތުމުންނެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުމެއް އަދި ނޭނގެއެވެ.

އެންޑީއެމްއޭއިން ބުނީ މިހާތަނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެއް އާއިލާއަށް ކަމަށެވެ. އެއީ ހަތް މީހުންގެ އާއިލާއެއް ކަމަށާއި އެމީހުންގެ ތެރޭގައި، އުމުރުން ދުވަސްވީ ބަލި މީހަކު ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.

ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު އިރުއޮއްސި 06:12 ގައި ކަމަށެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލު ކުރެވުނީ މިރޭ 07:29 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ކެފޭގެ ބަދިގޭގައި ކަމަށެވެ. އެ ހާދިސާގައި އެ ކެފޭގެ ބަދިގެއާއި އެތަނާ އިންވެގެން ހުންނަ މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ބައި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކެފޭއަށް ލިބިފައިވާ ގެއްލުން އެނގޭނީ ފުރިހަމަ ތަހުގީގަކަށް ފަހުގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް