އިމްރާން ފޮނުވި ސިޓީގެ މައްސަލަ ހޫނުވެ، ގުރޫޕުން ނުކުންނަވައިފި

އެލްޖީއޭ ބޯޑުގެ ރައީސް/ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ފޮޓޯ/ ސަން

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާ ކުރިކަމުގެ ކުށުގައި 11 އަހަރަަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވަނީ "ހަރާމް ހުކުމެއް" ކަމަށް ބުނެ، ރަށްރަށުގެ ކައުންސިލްތަކުން ގަރާރާއި ބަޔާންތައް ނެރުން މަނާކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގެ މައްސަލަ ހޫނުވެއްޖެއެވެ.

ދަށު ކޯޓުން ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއެކު އެމަނިކުފާނަށް ތާއީދުކުރައްވާ ކައުންސިލްތަކުން އަންނަނީ އެއީ "ހަރާމް ހުކުމެއް" ކަމަށް ބުނެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ގަރާރުތައް ނެރެމުންނެވެ.

އެކަން މަނާކޮށް އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައި ވަނީ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ކޯޓުތަކުން ކުރާ ހުކުމްތަކަކީ ކައުންސިލުތަކުން އެއަށް ބޯލަނބާ ކިޔަމަންގަތުން ލާޒިމު ނިންމުންތަކެއް ކަމަށެވެ. އަދި މިފަދަ ހުކުމްތަކާއި ދެކޮޅު ހަދައި ބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

އަދި ކައުންސިލުތަކުގެ ނިންމުންތަކާއި ގަރާރުތައް ވާންވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުން ފާސްކުރެވިގެން ނެރޭ ބަޔާންތަކެއް ކަމުގައި ވެސް ސިޓީގައި ބުނެފައިވެއެވެ.

އެކަމަކު، އެލްޖީއޭ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ސިޓީ ކައުންސިލުތަކަށް ފޮނުއްވާފައިވަނީ ބޯޑުގެ މެންބަރުންނާއި މަޝްވަރާ ނުކުރައްވައެވެ. އެހެންވެ، އެ ބޯޑުގައި މައްސަލަ ވަނީ ހޫނުވެފައެވެ.

އެލްޖީއޭގެ ބޯޑު މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި އެ މައްސަލަ ފެންމަތިކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މިނިސްޓަރު އިމްރާން ވަނީ ގުރޫޕުން ނިކުމެވަޑައިގެންފައެވެ.

ސިޓީގެ މައްސަލައިގައި "ސަން"އަށް މައުލޫމާތު ދެއްވަމުން ކ. އަތޮޅު ކައުންސިލުގެ ރައީސް އަދި އެލްޖީއޭ ބޯޑުގެ މެންބަރު މުހައްމަދު ނިމާލް ވިދާޅުވީ އެލްޖީއޭގެ ނަމުގައި ކައުންސިލުތަކަށް ސިޓީ ފޮނުވާފައިވަނީ ބޯޑާ މަޝްވަރާކޮށްގެން ނޫން ކަމަށެވެ.

"ހިިޔާލު ފާޅުކުރުމަކީ އޮތް ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް. ކައުންސިލުތަކަށް ކައުންސިލް މެންބަރުން އިންތިޚާބު ވެފައި ތިބެނީ އެ ދާއިރާ ނުވަތަ އެ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް އަޣުލަބިއްޔަތު ލިބިގެން. ކައުންސިލު މެމްބަރުންނަށް ބަސް ބުނުމުގެ ފުރުސަތު އޮންނަން ވާނެ،" އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީއަކީ ސިޔާސީ ސިޓީއެއް ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ އެފަދަ އަމަލުތަކަށް ބޯ ނުލަބާނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލް ތުހުމުތަކުރައްވާ ގޮތުގައި، މީގެ ކުރިން ދުވަހަކު ވެސް ސިޓީއެއްގައި ސޮއިނުކުރައްވާ އިމްރާން މީގައި ސޮއިކުރެއްވުމަކީ ގޯހެކެވެ. އަދި އޭނާ ގްރޫޕުގައި މި ވާހަކަތައް ދެއްކެވުމުން އެލްޖީއޭގެ ރައީސް އިމްރާން އެލްޖީއޭގެ ގްރޫޕުން ނުކުމެވަޑައިތީ، ހެދުނީ ގޯހެއްކަން އަމިއްލައަށް ވެސް ގަބޫލުކުރެއްވޭތީ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް