އިސްރާއީލުގެ ހަމަލާތައް ހުއްޓުވޭވަރުގެ ދިފާއީ ނިޒާމެއް އީރާނުން ސޫރިޔާގައި ގާއިމު ކުރަނީ

ދިމިޝްގު (11 ޑިސެންބަރު 2022): އިސްރާއީލުން ސޫރިޔާއަށް ދެމުންގެންދާ ވައިގެ އުދުވާނީ ހަމަލާތައް ހުއްޓުވޭވަރުގެ ވައިގެ ދިފާއީ ނިޒާމެއް ސޫރިޔާގައި ގާއިމު ކުރަން އީރާން މަސައްކަތް ކުރަމުންގެންދާކަމަށް އެމެރިކާގެ މަޝްހުރު މަޖައްލާ އެއްކަމަށްވާ "ނިއުސްވީކް" އިން ބުނެފިއެވެ.

"ނިއުސްވީކް"ގެ އެންމެ ފަހުގެ އަދަދުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އީރާން މަސައްކަތްކުރަނީ އެގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ސޫރިޔާގައި "ކޮންޕްރެހެންސިވް އެއާ ޑިފެންސް ސިސްޓަމެއް" ގާއިމު ކުރުމަށެވެ.

ނަން ހާމަކުރަންނޭދޭ އެމެރިކާގެ ޖާސޫސީ މަސްދަރަކާ ހަވާލާދީ މި ރިޕޯޓް ބުނާގޮތުން އީރާނުން ސޫރިޔާގައި ގާއިމްކުރަން މަސައްކަތްކުރާ ވައިގެ ދިފާއީ ނިޒާމު ބިނާކުރަނީ އީރާނުގައި އުފައްދާ "ސައްޔާދު 4 ބީ" މަރުކާގެ މިސައިލާއި އީރާނުން އުފައްދާފައިވާ މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށްވާ "ޕަވަރު –"373 މަރުކާގެ ބެޓްރީތަކާއި ރަޑަރާއި މިސައިލްތައް ބޭނުންކޮށްގެންނެވެ. ސައްޔާދު 4 ބީ މަރުކާގެ މިސައިލަކީ ސޮލިޑް ފިއުލުން މަސައްކަތްކުރާ އެއްޗެކެވެ.

"ޕަވަރު –"373 މަރުކާގެ ބެޓްރީތަކާއި މިސައިލްތަކަކީ 166 ކިލޯމީޓަރު ހިމާޔަތްކޮށްދޭ ނިޒާމެކެވެ. 166 ކިލޯމީޓަރުގެ ސަރަހައްދަށް ވަންނަ މިސައިލްތަކާއި ފައިޓާޖެޓްތައް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ. މިނިޒާމުގައި ހިމެނޭ ރާޑަރުން 280 ކިލޯމީޓަރުގެ ސަރަހައްދެއްގައިވާ މިސައިލާއި ފައިޓާޖެޓްފަދަ މަތިންދާބޯޓުތައް ދެނެގަނެވެއެވެ.

އިސްރާއީލަކީ 2017ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް ސޫރިޔާއަށް ވައިގެ މަގުން އުދުވާނި ހަމަލާތައް ދެމުންގެންދާ ގައުމެކެވެ. އިސްރާއީލުން ސޫރިޔާއަށް ހަމަލާދޭންފެށީ 2011ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއެކު ސޫރިޔާ ސަރުކާރާ އެގައުމުގެ ސިފައިން ބަލިކަށިވުމުގެ ސަބަބުން އެކަމުގެ ނާޒާއިޒު ފައިދާ ނަގައިގެންނެވެ.

ސޫރިޔާގެ ހަނގުރާމައިގެ ކުރިން އެގައުމު ބާރުގަދަ ހާލަތުގައި އޮތް ދުވަސްވަރު ސޫރިޔާއަށް ހަމަލާދޭންވެސް އަދި ސޫރިޔާގެ ވައިގެ ސަރަހައްދަށް ވަދެ އުދުވާން ހިންގަންވެސް އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އިސްރާއީލުން ސޫރިޔާއަށް ވައިގެމަގުން އުދުވާނީ ހަމަލާތައްދެނީ ސޫރިޔާގައިވާ އީރާނުގެ އަސްކަރީ ތަންތަނަށް ކަމަށް ބުނެ އަޑުތައް ފެތުރިއެވެ. އަދި ހަމަލާތައް އަމާޒުކުރަނީ އީރާނުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ސޫރިޔާގެ މަގުން ހަތިޔާރު ފޯރުކޮށްދޭތީ އިރާނުން ފޮނުވާ ހަތިޔާރުގެ ސަޕްލައިތަކަށް ކަމަށްވެސް އިސްރާއީލު ބުނެއެވެ.

އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕްގެ ބާރުތައްވެސް ދެކޭގޮތުގައި އެމެރިކާއާއި އެހެން ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ސަޕްލައި ކޮށްދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އީރާނުން ސޫރިޔާއަށާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުމަކީ މައްސަލައެކެވެ. އެފަދަ ހަތިޔާރުގެ ސަޕްލައި ޗެއިންތަކަށް ހަމަލާދޭންޖެހެއެވެ. ޚާއްސަކޮށް އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުންގެންދާ ފަލަސްތީނުގެ ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އަދި މާ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއްކަމަށް އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕްގެ ބާރުތައް ދެކެއެވެ.

"ނިއުސްވީކް"ގެ ރިޕޯޓް ބުނާގޮތުން މިފަހަކަށް އައިސް އިސްރާއީލުން ސޫރިޔާއަށް ދޭ ވައިގެ ހަމަލާތައް އިތުރުކޮށްފައިވަނީ މަތިންދާބޯޓުތަކާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން އީރާނުން ސޫރިއާއަށް ވައިގެ ދިފާއީ އައްޑަނައިގެ ނިޒާމުގެ ބައިތައް ގެންނަމުންދާތީއެވެ.

މީގެ ދެހަފުތާ ކުރިން އިސްރާއީލުންވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ އެންމެބޮޑު ބައިނަލްއަގްވާމީ އެއާޕޯޓަށް ވައިގެ ހަމަލާތަކެއްދީ ދެމީހަކު މަރާލައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އޭގެ ކުރިންވެސް ދެފަހަރެއްގެ މަތިން އިސްރާއީލުން ވަނީ ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާތައްދީ މީހުން މަރައި އެތަނަށް ގެއްލުންދިނުމުގެ އުދުވާނީ ޖަރީމާތަކެއް ހިންގާފައެވެ. 2017ވަނަ އަހަރުން ފެށިގެން އިސްރާއީލުން އަހަރެއްގެ މައްޗަށް ސަތޭކައަށްވުރެ ގިނަ ހަމަލާ އެވްރެޖްކޮށް ސޫރިޔާއަށް ދެމުން ގެންދާކަމަށް އިސްރާއީލުން އެއްބަސްވެފައިވެއެވެ.

އީރާނުން ތަރައްގީ ކޮށްފައިވާ ދިފާއީ ނިޒާމުގެ ރާޑަރު

ސޫރިޔާއަށް ދޭ ހަމަލާތަކަކީ މިނިވަންގައުމެއްގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަތުންކަމަށް ވިޔަސް އިސްރާއީލު މިކަންކުރަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ރުހުން ލިބިގެންނެވެ. އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ރުހުން މިކަމަށް ލިބޭ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ އެއީ އިސްރާއީލު ކުރާކަމަކަށް ވެފައި ސޫރިޔާއަކީ އެމެރިކާއާ އިދިކޮޅު ސަރުކާރެއް އޮންނަ ގައުމެއްކަމަށް ވުމެވެ.

ސޫރިޔާއަށް ދޭ ހަމަލާތަކަކީ އީރާނުން ސޫރިޔާގެ މަގުން ލުބްނާނުގެ ހިޒްބުﷲ އަށް ސަޕްލައިކޮށްދޭ ހަތިޔާރުތަކަށް އަމާޒުކުރާ ހަމަލާތަކެއްކަމަށް އިސްރާއީލު ބުނިނަމަވެސް އިސްރާއީލުގެ ހަމަލާތަކުން ހިޒްބުﷲ ގެ ހަތިޔާރުގެ ސަޕްލައިތަކަށް އެއްވެސް އަސަރެއް ނުކުރާކަމަށާއި އިސްރާއީލުގެ އުދުވާނެއް ކުރިމަތިވެއްޖެ ހާލަތެއްގައި އިސްރާއީލަށް ހަމަލާދޭނެ އެތަށް ލައްކަ މިސައިލާއި ރޮކެޓް އަދި ޑްރޯން ހިޒްބުﷲ އަށް ފޯރުކޮށްދީފައިވާނެކަމަށް އީރާނުން ބުނެއެވެ.

އިސްރާއީލާއި ހިޒްބުﷲ އަސްކަރީ ގޮތުން ކުރިމަތިލާ ކޮންމެ ފަހަރެއްގައި ހިޒްބުﷲ އަތުގައި ހަތިޔާރު ހުރި މިންވަރު އެނގިގެންގޮސްފައިވެއެވެ. އެހެންކަމުން އިސްރާއީލުގެ ހަމަލާތަކަކީ މައިގަނޑު ގޮތެއްގައި ސިޔާސީ ބޭނުމެއްގައި އިސްރާއީލުގެ އާންމުން ރުއްސުމަށާއި އިސްރާއީލުގެ ބާރުވެރިކަން ދެއްކުމުގެ ގޮތުން ދޭ ހަމަލާތަކެއްކަމަށް ހިޒްބުﷲ އާއި އީރާން ބުނެއެވެ.

ސޫރިޔާއަކީ ރަޝިއާގެ އަސްކަރީ ބާރު އޮންނަ ގައުމެއްކަމުން ރަޝިއާ ބޭނުންނަމަ ރަޝިއާގެ އެސް 300 އަދި 400 މަރުކާގެ ދިފާއީ ނޒިާމު ބޭނުންކޮށްގެން އިސްރާއީލުގެ ހަމަލާތައް ހުއްޓުވިދާނެއެވެ. އީރާނާއި ރަޝިއާގެ އަސްކަރީ ގުޅުންތައް ބަދަހިކުރަމުން ގެންދާއިރުވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓުވަން ރަޝިއާ މަސައްކަތް ނުކުރަނީ އެކަމުގެ ރައްދެއް ގޮތުން އިސްރާއީލުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދީފާނެތީ ކަމަށް މުހައްލިލުން ދެކެއެވެ.

ނަމަވެސް ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ބޭނުންވާ ޑްރޯންއާއި މިސައިލް ފަދަ ހަތިޔާރު އީރާނުން ރަޝިއާއަށް ފޯރުކޮށްދޭތީ އޭގެ ބަދަލުގައި ރަޝިއާގެ އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް ދީފާނެ ކަމުގެ ބިރު އިސްރާއީލާއި އެމެރިކާ ގެންދަނީ ވަރަށްބޮޑަށް އިހްސާސް ކުރަމުންނެވެ.

comment ކޮމެންޓް