މިރާއީ: ފުރަތަމަ އެޕިސޯޑުން ވެސް ޝައުގުވެރި އެތައް ވާހަކަތަކެއް

ހާދިސާ ފެށެނީ އެމްބިއުލާންސްގެ ސައިރެންގެ އަޑުންނެވެ. ރުއިމާ ހިތާމައިގެ ތެރެއިންނެވެ. ދައްކުވައިދެނީ އުފާވެރި ކުޑަކުޑަ އާއިލާއެކެވެ. ލޯތްބާއި އުފާ ނޫން އެއްޗެއް ނުވެސް އެނގޭ އެ އާއިލާގެ އުފާތައް ވިއްސިވިހާލި ވަނީ ކުޑަކުޑަ ދަރިފުޅު އިޒީގެ ކުއްލި ވަކިވުމުންނެވެ. އާއިލާގެ ހާލަތު ހިނދުކޮޅެއްގެ ތެރޭގައި އުފާވެރިކަމުން ހިތާމައަށް ބަދަލުވެއެވެ.

މިއީ އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓް ކުރާ ކްރައިމް ތުރިލާ "މިރާއީ"ގެ ފުރަތަމަ އެޕިސޯޑުގައި ދައްކުވައިދިން ޝައުގުވެރި މަންޒަރުތަކެވެ. މި އެޕިސޯޑަށްފަހު "މިރާއީ" ސީރީޒް ބެލުމަށް ހިތުގައި އުފެދުނު ޝައުގުވެރިކަން ދެގުނަކުރުވައިފިއެެވެ. މިއީ މި ސީރީޒް ބެލި ދެތިން މީހަކާ ވާހަކަ ދައްކާލުމުން އެމީހުން ވެސް ދިން ޖަވާބެވެ. މިރާއީގެ ފުރަތަމަ އެޕިސޯޑް ވަރަށް ވެސް ޝައުގުވެރިއެވެ.

މި ޝޯގެ ލީޑް ރޯލުން ފެންނާނީ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.

މި ސީރީޒްގައި އުޅެނީ އުފާވެރި ކުޑަ ކުޑަ އާއިލާއެކެވެ. މަންމަ އާއި ބައްޕަ އޮފީހަށްދާ ވަގުތު އެމީހުންގެ ދަރިފުޅު ބެލުމުގެ ޒިންމާއާ ހަވާލުވަނީ އެ ކުއްޖާގެ ދައްތައެވެ. ކުޑަކުޑަ އިޒީއަށް ސްޓްރޯކެއް ޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔެއާ ވަކިވަނީ މަންމައާއި ބައްޕަ އޮފީހުގައި އުޅެނިކޮށެވެ.

އިޒީގެ މަރުގެ ސަބަބަކީ ސްޓްރޯކެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެ މަރުގެ ފަހަތުގައި އެތައް ސިއްރެއް ފޮރުވިފައި ވާކަމަށް ބެލެވެއެވެ.

އެ ދަރިފުޅު އެމީހުންނާ ވަކިވީ ކީއްވެކަމީ މި ސީރީޒްގެ އެންމެ ބޮޑު ސިއްރެވެ. މި މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުން ފަޅާއަރާނީ ކިތައް ސިއްރުބާއޭ ހިތުގައި ސުވާލު އުފެދެއެވެ. ފުރަތަމަ އެޕިސޯޑު ނިމެނީ ދެވަނަ އެޕިސޯޑަށް އިންތިޒާރުކުރުވާ ފަދަ ގޮތަކަށެވެ. ހިތުގައި އުފަންކުރުވި ބޮޑު ސުވާލަކީ، ކުޑަކުޑަ އިޒީގެ މަރުވުމުގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަގެ ރަހުމަތްތެރިޔާ ބާއެވެ؟ ނުވަތަ އެކުއްޖާގެ ދައްތަބާއެވެ؟

މި ސުވާލުގެ ޖަވާބު ލިބެން އޮތީ ދެވަނަ އެޕިސޯޑް ބަލައިގެންކަމުން އެ އެޕިސޯޑަށް އިންތިޒާރުކުރެވެއެވެ.

ސްޓްރީމިން ސާވިސް ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މިރާއީ އަކީ ކޮންމެ ހޮނިހިރެއްގައި ދެއްކުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. މި ޝޯގެ 13 އެޕިސޯޑުގައި ރާއްޖޭގެ އެކި ކަހަލަ ކުށްތަކަށް އަލި އަޅުވާލައި އެކަތި އަނެކަތި ގުޅި ލާމެހިފައިވާ މިންވަރު ދައްކުވައިދޭނެއެވެ.

comment ކޮމެންޓް