އާރުޓީއެލް ބަހުގެ ޚިދުމަތް ހޯދާ މީހުނަށް ލުއިފަސޭހަ ކޮށްދިނުމަށް އެމްޓީސީސީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފިއެވެ.
އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެ ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު އަތުގައި އޮވެއްޖެ ނަމަ ބަހަށް ފައިސާ ދެއްކޭނެއެވެ.
މީގެ އިތުރުން ބަހަށް ފައިސާ ދެއްކޭނެ އިތުރު ގޮތްތަކުގެ ތެރޭގައި:
- ނަގުދު ކޮށް ފައިސާ ދެއްކުން (ކަރުދާސް ޓިކެޓު)
- އޮންލައިންކޮށް ފައިސާ ދެއްކުން ( ކިއުއާރު ޓިކެޓު)
- ޓެޕް ޓު ޕޭ (ކާޑު ބޭނުންކޮށްގެ)
ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވޭނީ ހަމަ އެކަނި މާލޭ ސިޓީގައެވެ. ނަމަވެސް މި ޚިދުމަތް މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ސިޓީ ތަކަށާއި ރަށްރަށަށް ވެސް ކުރިއަށް އޮތްތާ ފޯރުކޮށްދޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
މިނީ ބަހުގައި ދަތުރުކުރާ މީހުނަށް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިއްޖެ -- ފޮޓޯ/ މުހައްމަދު ޝާތިއު
މި ޚިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަދު ފެށިގެން މި ދިޔައީ ރައްޔިތުން ވަރަށް ބޭނުންވެފައި ހުރި ޚިދުމަތެއް ކަމަށެވެ.
މި ޚިދުމަތާ އެކު ކާޑުން ފައިސާ ދެއްކުމަށްފަހު އާރުޓީއެލް ފެރީގައި ވެސް ދަތުރުކުރެވޭތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.
"ސްޕީޑް ފެރީއަކީ އެކި ތަންތަނަށް ދަތުރުކުރަމުން ދުއްވާ އެއްޗެއް. މިހާރު މިސާލަކަށް ހަނިމާދޫން ފުރައިގެން ކުޅުދުއްފުށްޓަށް ގޮއްސަ އިހަވަންދޫއަށް ދާން ބޭނުންފުޅުވާ ބޭފުޅަކު، ހަނިމާދޫން ފުރައިގެން ކޮންޓެކްޓްލެސް ކާޑު ޖައްސާފަ ކުޅުދުއްފުއްޓަށް ދެވިދާނެ. އެކަމަކު ކުޅުދުއްފުށިން އިހަވަންދޫއަށް ދާން ބަލާއިރު ޓިކެޓު ނެތިއްޔާ ދަތުރެއް ނުކުރެވޭނެ،" އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީއިން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ދެމުން އަންނަ ބަހުގެ ހިދުމަތަކީ ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތެކެވެ.