ކްރިމިނަލް ކޯޓަށް ގާޒީން ހޯދަނީ

ކްރިމިނަލް ކޯޓު: އެ ކޯޓަށް ދެ ގާޒީން ހޯދުމަށް ވަނީ އިއުލާން ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު މި މަހު 24ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބެއެވެ. އެ ކޯޓުގެ ގާޒީންނަށް ޖުމުލަ 48,300 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑަޅާފައިވާ ގޮތުގެ މަތިން ލިބެއެވެ.

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް އިއުލާނު ކޮށްފައިމިވަނީ އެ ކޯޓުގެ ގާޒީގެ މަގާމުގައި ކުރިން ހުރި ދީބަނާޒް ފަހުމީ ހައިކޯޓަށް ބަދަލުވުމާ ގުޅިގެންނެވެ.

ދިހަ ސެކްޝަން ހިމެނޭ ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވީ ނުވަ ގާޒީންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންގެ މަގާމަށް ކުރިމަތިލެއްވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހޭނެއެވެ.

comment ކޮމެންޓް