އަލިފުށީ ކައުންސިލުން 2020 ވަނަ އަހަރު މާލިއްޔަތު ޤާނޫނާ ހިލާފަށް އެތައްކަމެއް ހިންގައިފި

ރ.އަލިފުށި--- ފޮޓޯ/ހަސަން އިސްމާއީލް

މާލިއްޔަތު ޤާނޫނާއި ހިލާފަށް 2020 ވަނަ އަހަރު ރ. އަލިފުށީ ކައުންސިލުން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އަލިފުށި ކައުންސިލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރެފައިވާ އަލިފުށީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެ އަހަރު އަލިފުށީ ކައުންސިލުން ހޯދާފައިވާ މުދަލުގެ ތެރެއިން 987،476 ރުފިޔާގެ މުދާ ހޯދާފައިވަނީ، މުދާ ކައުންސިލްގެ އިދާރާއަށް ބަލައިގަތުމަށްފަހު, އެ މުދާ ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިނުކޮށް ކަމަށެވެ.

އެހެންކަމުން، އޯޑަރުކުރެވުނު ތަކެތި އޮފީހަށް ހަމަޔަށް ލިބުނުކަމާއި ލިބުނު ތަކެއްޗަކީ އިދާރާއަށް ބޭނުންކުރެވޭ ފެންވަރުގައި ހުރި ތަކެތިކަން ލިޔެކިޔުމުން ކަށަވަރު ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަލިފުށީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު، އަލިފުށިން އެކިކަންކަމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ކައުންސިލުން އެދެ ވޭފަދަ މަސައްކަތްތަކެއް ކޮށްފައިނުވެއެވެ.

މި ރިޕޯޓުގައި ވާގޮތުން، އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އަލިފުށީ ކައުންސިލަށް 284،238 ރުފިޔާ ލިބެންޖެހެއެވެ.

މިކަމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުންތައް އޮޑިޓަށް ލިބިފައިނުވާތީވެ، އެ އަދަދުތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން ލިބެންޖެހޭ ޖޫރިމަނާ ލިބެންޖެހޭ އިދާރާގެ ހިސާބުތަކުގެ ތެރެއަށް ވައްދާފައިވާކަން ވެސް ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

މިކަންކަމުގެ އިތުރުން ވެސް އަލިފުށީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލީ މައްސަލަތަކާ ގުޅޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ބޭންކް އެކައުންޓްތަކުގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި، ޕަބްލިކް ބޭންކް އެކައުންޓަށް އާމްދަނީ ފައިސާ ޖަމާކޮށްފައި ނުވުމުގެ އިތުރުން ކައުންސިލް އިދާރާގެ މާލީބަޔާން އޮޑިޓްކުރުމަށް ހުށަހަޅާފައި ނުވުން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް