މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރުން ރައްކާތެރި ނޫން އެތައް ތަނެއް އަދިވެސް މާލޭގައި އެބަހުރިކަމަށާއި އެތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މާލޭގެ ނީލަންފިހާރައިގައި މިއަދު ހެނދުނު އަލިފާން ރޯވުމާ ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން މީޑިއާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވަކި ޕްލޭނެއްގެ ދަށުން އެފަދަ ތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފަދަ ތަންތަން ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ގުދަން ފަދަ ތަންތަން މާލެއިން މިހާރު ވެސް ބޭރުކުރެވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"މިބާވަތުގެ ކަންކަން ވީހާވެސް ބޮޑަކަށް ނުހިނގާނެ ގޮތަކަށް ކަންކަން ރޭވުމުގެ ކަންކަން އެއީ ހަމަ ކުރަންޖެހޭނެ ކަންކަން،" އޭނާ ވިދާޅުވިއެވެ.
"އެ ވިސްނުމުގެ ދަށުން، އެ ޕްލޭނާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ނީލަން ފިހާރަ ސަރަހައްދުގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ތަންތަން ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ގުޅިފަޅަށް ބަދަލުކުރުމަށެވެ.
ފުލުހުންނާއި ސިފައިން ކުރި މަސައްކަތުން މާލޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަލިފާން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. އެހެންވެ އަލިފާން ކޮންޓްރޯލް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމަރު ގެނެސްގެންނެވެ.
އެހެންވެ އެއާޕޯޓުގައި ބޭނުންކުރާ އަލިފާން ނިއްވާ ވެހިކަލް ގެނެސްގެން ފޯމު ނީލަން ފިހާރައިގައި ރޯވި އަލިފާން މިއަދު ހެނދުނު 07:30 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނީލަން ފިހާރައިގައި ރޯވި އަލިފާން ގަނޑު އެ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކާ ހަމައަށް ފޯރި ކަމަށެވެ.
އެ ހާދިސާގައި އެކަމޮޑޭޝަން ބްލޮކްގައި ނޫޅެވޭ ވަރަށް ވަނީ އަނދައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
އެތަނުގައި އުޅުނު ހުރިހާ މުވައްޒަފުން މިހާރު ވަނީ ރައްކާތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަމެއްގެ ގޮތުގައި އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ.