ނީލަން ފިހާރައިގައި ރޯވުން: 250އަށްވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހިކަމުގައި

އިމާދުއްދީން ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ ---

މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 250އަށް ވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވީ މިއަދު ހެނދުނު 06:00 ހާއިރުއެވެ.

ފުލުހުންނާއި ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 07:30 އިރު އެތަނުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާން ފެތުރި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކަކަށް ފެތުރި އެތަން ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެކަމާ ގުޅިގެން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިހާތަނަށް 250އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެ އެންމެންވެސް ތިބީ އިމާދުއްދީން ސްކޫލްގައެވެ.

"ކިތައް މީހުން ކަމެއް ނޭނގެ. އެކަމު ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ އެންމެންނަށް މިވަގުތު އެހީވުމުގެ މަސައްކަތް ދަނީ ކުރިއަށް. މިވަގުތު ތިބީ ކޮންތަނެއްގެ ކިހާ މީހުންނެއް ކަމެއް އަދި ނޭނގެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އިމާދުއްދީން ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި އެންމެންނަށް ފެނާއި ލުއިކާނާ ހަމަޖައްސައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

އިމާދުއްދީން ސްކޫލްގައި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންގެ ތެރޭގައި ސިޓީ ކައުންސިލުގެ 166 މުވައްޒަފުން ވެސް ހިމެނޭ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.

އެތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް