ކުއްލިއަކަށް އަލިފާނުގެ ހާދިސާތަކެއް، ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި

ރާއްޖޭގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށާއި، އެކަމަށް ޢާންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.

ކޮމިޝަނާ މިހެން ވިދާޅުވިއިރު، މިއަދު މާލޭގެ ނީލަން ފިހާރައިގައި ރޯވި އަލިފާނާއެކު، މިދިޔަ ތިން ދުވަސް ތެރޭގައި ރާއްޖޭގައި ވަނީ މިފަދަ ތިން ހާދިސާއެއް ހިނގައިފައެވެ.

އިއްޔެ ގދ. ފިޔޯރި ސްކޫލުގެ ހޯލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ހޯލު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފައެވެ. އެ ހޯލުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

މީގެ ދެ ދުވަސް ކުރިން ރ. އަލިފުށީ ކުނި ކޮށި ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވެސް ހިނގިއެވެ. ފައިބަރު ތަކެއްގައި ރޯވެ ހިނގި ހާދިސާގައި އަލިފާން ނިންވާލާފައިވަނީ އެކްސްކެވޭޓަރު ބޭނުންކޮށްގެން ކޮނެގެންނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނެތެވެ.

މިއަދު މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވިއެވެ. ފުލުހުންނާއި ސިފައިންނާއި ޢާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 07:30 އިރު އެތަނުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމެޑޭޝަން ބްލޮކެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.

އެތަނުގައި ވިޔަފާރިކުރުން މިފަހުން އަނެއްކާ ވެސް މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް