އަމީނިއްޔާއަށް ގެއްލިގެންދިޔައީ ދެވަނައެއް ނެތް ޚިދުމަތްތެރިއެއް

އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ކުސުމް ވެލިކަލާ

އަމީނިއްޔާ ސްކޫލަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި ދަރިވަރުންގެ ލޯބި ލިބިފައިވާ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ކުސުމް ވެލިކަލާ އިއްޔެ އަވަހާރަވެއްޖެއެވެ.

ކުސުމް ވެލިކަލާ އަކީ އަމީނިއްޔާ ސްކޫލުގެ ތާރީޚުގައި އެންމެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި ޕްރިންސިޕަލެެވެ. އޭނާ ފާހަގަކޮށްލެވިފައިވަނީ އެ ސްކޫލަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަދި އޭރަށް މުހިއްމު ގިނަ ބަދަލުތަކެއް ގެނެސްދެއްވި މީހެއްގެ ގޮތުގައެވެ.

އެގޮތުން އޭނާއާ އެންމެ ގާތުން އޭރު އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާ ޑރ. އަމާލް އަލީ މިއަދު "ސަން"އަށް ވިދާޅުވީ ވެލިކަލާ ސްކޫލަށް މުހިއްމު ބަދަލުތަކެއް ގެނެސްދެއްވި ކަމަށާއި އޭނާއަކީ އަމީނިއްޔާ ސްކޫލުގެ ކުރިއެރުމަށާއި ދަރިވަރުންގެ ކުރިމަގަށް ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރެއްވި ޕްރިންސިޕަލެއް ކަމަށެވެ.

"ލިޔެކިޔުމުން ހުރިހާ ކަމެއް ބަަލަހައްޓަން އިރުޝާދު ދެއްވި. ރަނގަޅު ވެލިއުސްތައް ގާއިމުކޮށް ހުރިހާ ކަމެއް ސިސްޓެމިކްކޮށް ކުރިއަށް ގެންދެވި. ދަރިވަރުންނަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ވަޑައިގެންނެވި،" ޑރ. އާމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެލިކަލާ އަކީ ދަރިވަރުންނާ ގާތް ގުޅުމެއް ބާއްވާ އަބަދުވެސް ވަރަށް އެކުވެރި މީހެއް ކަމަށެވެ.

އަމީނިއްޔާ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރީވެސް ވެލިކަލާ ޕްރިންސިޕަލް ކަމުގައި ހުންނެވިއިރު ކަމަށާއި އެ ދުވަސްތައް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށް ޑރ. އާމާލް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުން ވަނީ ވެލިކަލާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުވައި، އޭނާގެ ޚިދުމަތުގައި އެ ސްކޫލެއް ގެނެސްދެއްވި ހެޔޮ ބަދަލުތައް ފާހަގަކުރައްވައިފައެވެ.

ވެލިކަމާ އަވަހާރަވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އަދި ޕްރިންސިޕަލެއްގެ ގޮތުގައި ކުރެއްވި އަގު ހުރި ޚިދުމަތްތައް ފާހަގަކޮށްފައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ވަނީ ވެލިކަލާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

އަމީނިއްޔާ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު މިއަދު "ސަން"އަށް ވިދާޅުވީ އެފަދަ ޚިދުމަތްތެރި ޕްރިންސިޕަލްއެއް ވަކިވެ ދިއުމުގެ ހިތާމަ ކުރާ ކަމަށެވެ.

ޖުމުލަ 12 އަހަރު ދުވަހު އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ސްކޫލަށާއި ދަރިވަރުންގެ ކުރިއެރުމަށް ކުރެއްވި ޚުދުމަތްތައް ފަނޑުވެގެން ނުދާނެ ކަމަށް ވެސް ނާޒްލީން ވިދާޅުވިއެވެ.

ދެ ފަހަރެއްގެ މަތިން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ވެލިކަލާ ކުރައްވާފައިވާއިރު އެންމެ ފުރަތަމަ އެ ސްކޫލުގެ ޚިދުމަތާ އޭނާ ގުޅިވަޑައިގަތީ 1989 ވަނަ އަަހަރުގެ ފެބްރުއަރީ މަހުގެ 22ވަނަ ދުވަހުއެވެ.

އޭގެ ފަހުން 1998ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެ މަގާމުން ވަކިވެވަޑައިގެން ދެވަނަ ފަހަރަށް އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެ ވަޑައިގަތީ 2003 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.

ޕްރިންސިޕަލްގެ މަގާމްގައި ހުންނެވުމަށް ފަހު އެ މަގާމުން ވަކިވެވަޑައިގަތީ 2005ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް