އުދިނޭޒީ ބަލިކޮށް ޔުވެންޓަސް ތާވަލުގެ ދެވަނައަށް

ގޯލުޖެހުމަށްފަހު ޑެނީލޯ އުފާ ފާޅުކުރަނީ---

އިޓާލިއަން ލީގުގައި އުދިނޭޒީ ބަލިކޮށް ޔުވެންޓަސްއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ރޭ ޔުވެންޓެސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

އެގޮތުން މެޗުގެ 17ވަނަ މިނެޓުގައި އުދިނޭޒީގެ ސަންޑީ ލޮވްރިޗް ނެގި ހުރަހަކުން އެ ޓީމުގެ ވަލެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުވެންޓަސްގެ ކީޕަރު ޝެޒްނީއެވެ.

އޭގެ މިނެޓެއްފަހުން ޔުވެންޓަސްގެ ޑެނިއެލް ރުގާނީ ބޮލުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އުދިނޭޒީގެ ކީޕަރު މާކޯ ސިލްވެސްޓްރީއެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ޔުވެންޓަސްގެ މޮއިސް ކީންއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ޔުވެންޓަސްގެ ޑިމާރިއާ ތަނަވަސްކުރި ފުރުސަތަކުން ކީން އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާއަށް ވެސް ހުރަސްއެޅީ ސިލްވެސްޓްރީއެވެ.

ޔުވެންޓަސް އަދި އުޑްނީސް ބައްދަލުކުރި މެޗުގެ ތެރެއިން---

މެޗުގެ 50ވަނަ މިނެޓުގައި ވެސް ކީންއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އުދިނޭޒީގެ އޭރިއާތެރޭގައި ހުސްކޮށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ޔުވެންޓަސްއިން ގޯލު ޖަހައި ލީޑު ނެގީ މެޗުގެ 85 ވަނަ މިނެތުގައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެޑްރީކޯ ކިއެސާ ތަނަވަސްކުރި ފުރުސަތަކުން ޑެނީލޯ ކާމިޔާބުކުރި ގޯލެކެވެ.

އެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު 17 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 16 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި އުދިނޭޒީ އޮތީ ތާވަލުގެ އަށްވަނައިގައި 17 މެޗުން 25 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް