ނުރައްކަލުގެ ރަނގަބީލު؛ ތިޔަ ކާ ސޮސެޖާއި ބަންދުކުރި ކުކުޅުން ކެންސަރު ޖެހިދާނެ

ކެންސަރުގެ ޚާއްސަ ޑޮކްޓަރު އަމްރު އަހުމަދު --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ޕްރޮސެސް ކޮށްފައި ހުންނަ މަހަކީ ދިވެހީންގެ ތެރޭ ވަރަށް މަގުބޫލު އެއްޗެކެވެ. ހެނދުނު ނަސްތާއިންނާއި، މެންދުރުގެ ކެއުމުންނާއި އާއިލާ އެންމެން އެއްވެ ހަދާ ބާބަކިއުތަކުގައި ވެސް އާންމުކޮށް ކައި އުޅޭ އެއްޗެކެވެ.

ރަހަ މީރަކަސް، ޕްރޮސެސް ކޮށްފައި ހުންނަ މަހަކީ ކެންސަރަށް މަގުފަހި ކޮށްދޭ ނުރައްކާތެރި އެއްޗެކެވެ. ޑޮކްޓަރުންގެ އާދޭހަކީ އެ ބޭނުންކުރުން ވީހާވެސް މަދު ކުރުމެވެ.

ކެންސަރުގެ ނުރައްކާތެރިކަން ބުނެދޭކަން ނުޖެހޭނެއެވެ. އައިޖީއެމްއެޗުން ހާމަކުރާ ގޮތުގައި ރާއްޖޭގައި ސިއްހީ މައްސަލަތަކާ ގުޅިގެން މަރުވާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ކެންސަރު ބަލިގައި މަރުވާ މީހުންނެވެ.

ކެންސަރަކީ އާދަޔާ ޚިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ކެންސަރުގެ ސަތޭކަ އެތައް ވައްތަރެއް ހުންނައިރު، ބަންދުކޮށްފައި ހުންނަ މަހުން ޖެހެނީ ގޮހޮރުގެ ކެންސަރެވެ.

އެކަމަކު، މިއީ އަދި ދިވެހީންގެ ތެރޭގައި އެހާ އާންމު ބައްޔެއް ނޫނެވެ. މި ބަވާތުގެ ކެންސަރު ރާއްޖޭގައި މަދު ނަމަވެސް ސޮސެޖު ފަދަ އެއްޗެހި ބޭނުން ކުރާ ނިސްބަތް އިތުރުވާ ވަރަކަށް އެ ބަލި ގިނަވުމުގެ ނުރައްކާވެސް ބޮޑެވެ.

ބަންދުކޮށްފައި ހުންނަ މަސް ނުރައްކާތެރީ ކީއްވެ؟

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި އެހެން ބާވަތްތަކުގެ މަހަށްވުރެ ބަންދުކޮށްފައި ހުންނަ މަހުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑެވެ.

މިގޮތުން، ކެންސަރު ބަލީގެ ޚާއްސަ ޑރ. އަމްރު އަހުމަދު ވިދާޅުވި ގޮތުގައި ބަންދުކޮށްފައި ހުންނަ މަހުގެ ނުރައްކާ ބޮޑީ އެ ބަންދުކޮށް، ގިނަ ދުވަހަށް ރައްކާ ކުރުމަށްޓަކައި ބޭނުން ކުރާ ކެމިކަލްތަކުގެ ސަބަބުންނެވެ.

"ރެގިއުލާ ޑައިޓްގައި ޕްރޮސެސްޑް މީޓް ބޭނުން ކުރުމަކީ އަޅުގަނޑުމެން އެންކަރޭޖް ކުރާ ކަމެއް ނޫން. ސޮސެޖާއި ޕްރޮސެސްޑް މީޓް ވީހާވެސް މަދުކުރަން [އެދެނީ]" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ އެއްޗެހި އެއްކޮށް ހުއްޓާލަން ލަފާ ނުދޭނެ ކަމަށާއި އެކަމަކު، ވީހާވެސް ބޮޑަށް މަދުކުރުން ބުއްދިވެރި ކަމަށެވެ.

އޮންކޮސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވި ގޮތުގައި ސޮސެޖު ފަދަ އެއްޗެއްސަކީ އެއް ވައްތަރެއްގެ މަސް ކަމެއް ޔަގީންނުވާއިރު އެ ބްރޭކްޑައުން ވެގެން ކެންސަރު ޖައްސާ މާއްދާއެއް އުފެދޭ ކަމަށެވެ. އެފަދަ ބާވަތްތައް ނުރައްކާތެރި ވަނީ އެހެންވެ، ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"މިކްސްއެއް ކަމެއް ނުވަތަ އެއް ވައްތަރުގެ މީޓް ކަމެއް ނޭނގޭ [ގިނަ ފަހަރު]. އެ ބްރޭކްޑައުން ވާއިރު އޭގެ ތެރޭގައި މި ހިމެނެނީ ހީމްސް، އެ ބައި މި ބަދަލުވަނީ ނައިޓްރޯސް ކޮމްޕައުންޑްސް އަށް ނުވަތަ އެންއޯސީސްއަށް. މި އެއްޗެއްސަކީ ކެންސަރު ޖައްސައިދޭކަން ކަށަވަރު ކޮށްދޭ އެއްޗެހި" އޭނާ ވިދާޅުވިއެވެ.

"ދެން ޕްރިޒާވް ކުރަން މި އަޅަނީ ނައިޓްރައިޓްސް، އޭއްޗެއްސަކީ އެގޮތުގައި ކެންސަރު ޖައްސައިދޭ އެއްޗެއްސެއް ނޫން، އެކަމަކު ހަށިގަނޑުގެ ތެރެއަށް ދިއުމަށް ފަހު ކެންސަރު ޖައްސައިދޭ މާއްދާއަކަށް ބަދަލުވާ އެއްޗެހި، މީގެ އިތުރުން ސޮސެޖުގައި ހިމެނޭ ހައި ފެޓް ކޮންޓެންޓާއި ސާލްޓް، މީވެސް ކެންސަރު ޖައްސާކަން ކަށަވަރުވާ އެއްޗެހި" އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ނަސޭހަތަކީ އެފަދަ ބާވަތްތައް ކެއުން ވީހާވެސް މަދު ކުރުމެވެ. ޒުވާނުންނާއި ޅަ އުމުރުގެ ކުދިންގެ މެދުގައި ވެސް ކެންސަރު ބަލި އިތުރުވަމުން އަންނަ އިރު، އެއާމެދު ސަމާލުވެ، ދުރާލާ އެކަންކަމުން ރައްކާތެރިވާން ފިޔަވަޅު ނޭޅިއްޖެ ނަމަ ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެއެވެ.

އެހެންވެ، ޑޮކްޓަރުން އިރުޝާދު ދެއްވަނީ ބަންދުނުކޮށް ހުންނަ މަހުގެ ބާވަތްތައް ކެއުމަށެވެ.

comment ކޮމެންޓް