ޖީއެސްޓީއާއެކު އެތެރޭގެ އުދުހުންތަކުގެ އަގުތައް ވެސް ބޮޑުވެއްޖެ

ވީއައިއޭގައި މަތިންދާބޯޓުތަކެއް -- ފޮޓޯ :އެމްއޭސީއެލް

އަަލަށް އަމަލުކުރަން ފެށި ޖީއެސްޓީގެ ރޭޓާއެކު އެތެރޭގެ އުދުހުންތަކުގެ އަގު ވެސް އުފުލިއްޖެއެވެ.

އާންމު ރައްޔިތުން އަންނަނީ ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލުމާއެކު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް އެ ބަދަލަކީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުގެ ސަބަބުން އައި ބަދަލެކެވެ.

މި ބަދަލާ ގުޅިގެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު "ސަން" އަށް ވިދާޅުވީ ވިލާ އެއާގެ އަގުތަކުން ވެސް އެ ބަދަލު ފެންނާނެކަމަށެވެ.

"އަޅުގަނޑުމެން ވެސް މައިގަނޑު ގޮތެއްގައި ހަމަ ޓެކްސް ބޮޑުވީމާ އެ ކަމާ ގުޅިގެން ބަދަލު ގެނެސްފައިވާނީ،" ނާޝިދު ވިދާޅުވިއެވެ.

ފްލައިމީގެ ފްލައިޓުތަކެއް ވީއައިއޭގައި -- ސަން ފިޓޯ: ފަރީހާ އަބްދުﷲ

ވިލާ އެއަރ އިން މިހާރު ވެސް ދަތުރުތައް ބާއްވަމުން އަންނަނީ އދ. މާމިގިއްޔަށާއި ބ. ދަރަވަންދޫއަށެވެ.

ވިލާ އެއާގެ އަގުތައް

މާލެއިން ދަރަވަންދޫއަށް - 905 ރުފިޔާއާއި 1،540 ރުފިޔާއާ ދެމެދު.

މާލެއިން މާމިގިއްޔަށް - 905 ރުފިޔާ

ބޮޑުކުރި ޓެކްސްއާ އެއް ހަމަ ކުރުމަށް ޓަކައި މަންތާ އެއާއިން ވެސްް ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ. މަންތާއިން ބުނިގޮތުގައި ޓެކްސް ބޮޑުވި ނަމަވެސް އަގު މާބޮޑަށް އުފުލިފައެއް ނުވާނެއެވެ. މަންތާއިން ދަތުރުކުރަނީ ދެ މަންޒިލަކަށެވެ.

މަންތާގެ އަގުތައް

މާލެއިން ދާލު އެއާޕޯޓަށް -ކޮމްފޯޓް ފްލެކްސް/ 1،449 ރުފިޔާ

މާލެއިން ދަރަވަންދޫއަށް - ކޮމްފޯޓް ފްލެކްސް/ 1،149 ރުފިޔާ

ހަމައެއާއެކު މޯލްޑިވިއަންގެ ޓިކެޓުގެ އަގުވެސް އުފުލިފައިވަނީ ބޮޑުކުރި ޖީއެސްޓީ އާ ގުޅިގެން ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން "ސަން" އާ މިއަދު ވާހަކަދައްކަވަމުން ޖެނިފާ ވިދާޅުވީ، އަގުތަކަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާނެކަމަށެވެ.

"ހަމަ އެހެން ތަންތަނުން ވެސް އާ ޖީއެސްޓީ ރޭޓަށް އަގުތައް ބަދަލުކުރި ގޮތަށް އަޅުގަނޑުމެން ވެސް ޖެނުއަރީ އެކަކުން ފެށިގެން އާ ޖީއެސްޓީ ރޭޓަށް ޓިކެޓުގެ އަގުތައް ބަދަލުކޮށްފައިވާނީ،" ޖެނިފާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ ބައެއް އަގުތައް މިހާރު ހުރި ގޮތް:

މާލެއިން ކާޑެއްދޫ - 1،498 ރުފިޔާ

މާލެއިން ތިމަރަފުށްޓަށް - 1،388 ރުފިޔާ

މާލެއިން މަޑިވަރަށް - 1،301 ރުފިޔާ

މާލެއިން މާފަރަށް - 1،301 ރުފިޔާ

މާލެއިން ކައްދޫއަށް - 1،388 ރުފިޔާ

މާލެއިން އައްޑޫ ސިޓީ ގަަމަށް - 1،611 ރުފިޔާ

މާލެއިން ފުވައްމުލަކަށް - 1،577 ރުފިޔާ

comment ކޮމެންޓް