ޓްވިޓާ ބޭނުންކުރާ 200 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުވެއްޖެ

ޓްވިޓާ

ޓްވިޓާ ބޭނުންކުރާ 200 މިލިއަނަށްވުރެ ގިނަ މީހުންގެ އީމެއިލް އެޑްރެސްތައް ހެކަރުން ވަގަށް ނަގައި އޮންލައިން ހެކިން ފޯރަމެއްގައި ޕޯސްޓްކޮށްފިއެވެ.

އިޒްރޭލުގެ ސައިބާ ސެކިއުރިޓީ މޮނިޓަރިން ފާމް ހަޑްސަން ރޮކްގެ ކޯ ފައުންޑަރު އެލޮން ގާލް ލިންކްޑްއިންއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބްރީޗްގެ ސަބަބުން އޮތް އެންމެ ބޮޑު ބިރަކީ ވަރަށް ގިނަ ހެކަރުންގެ، ޓާގެޓަކަށް ލީކްވި މައުލޫމާތުގެ އެހީގައި ފިޝިން އަދި ޑޮކްސިން އަށް މަގުފަހިވާނެ ތީއެވެ.

އޭއައިގެ ސައިބާ ސެކިއުރިޓީ ފާމް ކްލައުޑްސެކް އިންވެސް ބުނީ ވަގަށް ނެގި ޑޭޓާތަކުގެ ތެރޭގައި އީމެއިލް އެޑްރެސް، ނަމާއި ސްކްރީން ނަން/ޔޫޒާނޭމް، އެކައުންޓް އުފެއްދި ތާރީހާއި ފޮލޯވާ އަދަދުވެސް ހިމެނޭ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު 'އެލޮން ގާލް' އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ރިޕޯޓާ ގުޅޭ ގޮތުން ޓްވިޓާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޓްވިޓާއިން އެ މައްސަލަ ތަހުގީގު ކުރުމަށް ނުވަތަ އެކަމަށް ހައްލެއް ގެނައުމަށް އެޅި ފިޔަވަޅަކީ ކޮބައި ކަމެއްވެސް ސާފެއް ނުވެއެވެ.

ލީކްވެފައިވާ މައުލޫމާތު ކަމަށްބުނާ، މި ފޯރަމްގައި ވާ ޑޭޓާތަކަކީ ސައްހަ މައުލޫމާތުތަކެއް ކަން ރޮއިޓާސްއަށް ކަށަވަރު ކޮށްނުދެވުނު ކަމަށާއި އެއީ ޓްވިޓާއިން އައި މައުލޫމާތެއް ކަމެއް ނުވަތަ ނޫންކަމެއްވެސް ޔަޤީން ނުވާކަމަށް ރޮއިޓާސްއިން ބުނެފައިވާއިރު، މިދިޔަ ބުދަ ދުވަހު އެ ޑޭޓާތަކުގެ ސްކްރީންޝޮޓްތައް ވަނީ އޮންލައިންކޮށް ދައުރުވެފައެވެ.

ލީކްވެފައިވާ ކަމަށް ބުނަ މިމައުލޫމާތު ތަކަކީ ސައްޙަ މައުލޫމަތުތަކެއް ނަމަވެސް އެ ޕްލެޓްފޯމުން ވަނީ ޓްވިޓާ އެކައުންޓްތަކުގެ ކޮންޓްރޯލް އަލުން ހޯދޭނެ ގޮތްތައް ހިއްސާކޮށްފައެވެ.

މި ބްރީޗްގެ ފަހަތުގައި ހުރި ހެކަރު ނުވަތަ ހެކަރުންގެ އައިޑެންޓިޓީ ނުވަތަ އިތުރު ތަފްޞީލް އަދި ހޯދިފައެއް ނުވެއެވެ.

މި ޑޭޓާ ބްރީޗްވުން ހިނގާފައިވަނީ މިދިޔަ އަހަރު އެލޮން މަސްކް ކުންފުނީގެ މިލްކުވެރިކަމާ ހަވާލުވުމުގެ ކުރިން 2021 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ވުންވެސް އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓްތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ.

ބްރީޗްގެ ސައިޒާއި ސްކޯޕާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ފުރަތަމަ ތަފާތުވި އިރު، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ބުނެފައިވަނީ އެކައުންޓްތަކުން 400 މިލިއަން އީމެއިލް އެޑްރެސް އާއި ފޯނު ނަންބަރު ވަގަށް ނަގާފައިވާ ކަމަށެވެ.

ޓްވިޓާގައި ބޮޑު ބްރީޗެއް އައުމަކީ އެޓްލާންޓިކް ކަނޑުގެ ދެ ފަރާތުގެ ރެގިއުލޭޓަރުން ޝައުގުވެރިވާނެ ކަމެކެވެ. ޓްވިޓާގެ ޔޫރަޕްގެ މައި މަރުކަޒު އޮންނަ އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނާއި އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން އަންނަނީ ޔޫރަޕްގެ ޑޭޓާ ޕްރޮޓެކްޝަން އުސޫލާއި އެމެރިކާގެ ކޮންސެންޓް އޯޑަރަށް ފެތޭތޯ އެލޮން މަސްކްގެ ކުންފުނި 'ޓްވިޓާ' މޮނިޓާ ކުރަމުންނެވެ.

ނަމަވެސް ބުރާސްފަތި ދުވަހާ ހަމައަށް އެ ދެ ރެގިއުލޭޓަރުންގެ ފަރާތުން މި ބްރީޗާއި ގުޅޭ ރަސްމީ އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް