އަލަށް އުފަންވާ ކުދިންނަށް މެސީއާ ގުޅުވައިގެން ނަންކިޔާ މިންވަރު އިތުރުވަނީ

މެސީ ވޯލްޑްކަޕް ތައްޓާއެކު---

އާޖެންޓީނާއަށް ދާދިފަހުން ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ލިއޮނަލް މެސީއާ ގުޅުވައިގެން, އެ ގައުމުގައި އަލަށް އުފަންވާ ކުދިންނަށް ނަންކިޔާ މިންވަރު އިތުވެއްޖެއެވެ.

އާޖެންޓީނާގެ ސިވިލް ރަޖިސްޓްރީ އޮފް ދި ޕްރޮވިންސް ސަންޓާ ފޭއިން ދާދިފަހުން އާންމުކޮށްފައިވާ ތާފަސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރުމަހު އުފަންވި ކުދިންގެ ތެރެއިން ކޮންމެ 70 ކުއްޖެއްގެ ތެރެއިން އެއްކުއްޖަކަށް މެސީއާ ގުޅުވައިގެން "ލިއޮނަލް" ނުވަތަ "ލިއޮނެލާ" ކިޔައިފައިވެއެވެ.

މީގެކުރިން އެ ނަންތަކުން ނަންކިޔައިފައިވަނީ ކޮންމެ މަހަކު ހަ ކުއްޖަކަށެވެ. ނަމަވެސް މެސީ ވޯލްޑްކަޕް ކާމިޔާބުކުރުމާއެކު އެ އަދަދު ވަނީ 700 ޕަސެންޓު އިތުރުވެފައެވެ.

މީގެއިތުރުން އެ އިދާރާއިން ބުނެފައިވާގޮތުގައި އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބުކުރުމާއެކު އާޖެންޓީނާ ޓީމުގައި ހިމެނުނޭ އެހެނިހެން ކުޅުންތެރިންގެ ނަމާ ގުޅުވައިގެން ނަން ކިޔާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ހޫލިއަން އެމިލިއާނޯ ފަދަ ނަންތަކުން ކުދިންނަށް ނަން ދީފައިވާކަމަށް ވެސް އެ އިދާރައިން މައުލޫމާތުދެއެވެ.

އާޖެންޓީނާގައި މެސީ އަކީ އެންމެ މަގުބޫލު ޝަހުސިއްޔަތެވެ. އަދި މެސީ އާޖެންޓީނާއަށް 36 އަހަރު ފަހުން ވޯލްޑްކަޕެއް ކާމިޔާބުކޮށްދިނުމާއެކު އާޖެންޓީނާގެ ރައްޔިތުންގެ ހިތުގައި މެސީއަށް ދީފައިވާ ދަރަޖަ ވަނީ އުފުލިފައެވެ.

މެސީ ވޯލްޑްކަޕް ކާމިޔާބުކުރުމުން އެ ގައުމުގެ ފައިސާގައި މެސީގެ ފޮޓޯ ޖަހަން މަސައްކަތް ކުރާކަމަށް ވެސް އާޖެންޓީނާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީޑީއަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ މަރުކަޒީ ބޭކުން ދަނީ އެ ގައުމުގެ 1000 ޕެސޯގެ ނޫޓު ތަކުގައި މެސީގެ ފޮޓޯ ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް