އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓް ކުރާ ކްރައިމް ތުރިލާ "މިރާއީ" މާދަމާއިން ފެށިގެން ދައްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން ތަރިންނާއެކު ތައްޔާރު ކުރާ މިރާއީ އަކީ ތަފާތު އެކި ކަހަލަ މައްސަލަތަކަށް އަލިއަޅުވާލާނެ ޝޯއެކެވެ.
ސްޓްރީމިން ސާވިސް ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މިރާއީ އަކީ ކޮންމެ ހޮނިހިރެއްގައި ދެއްކުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. މި ޝޯގެ 13 އެޕިސޯޑުގައި ރާއްޖޭގެ އެކި ކަހަލަ ކުށްތަކަށް އަލި އަޅުވާލައި އެކަތި އަނެކަތި ގުޅި ލާމެހިފައިވާ މިންވަރު ދައްކުވައިދޭނެއެވެ.
އަޒްހާން ބުނާގޮތުގައި މި ޝޯގެ މައިގަނޑު ވާހަކައަކީ ކުޑަ ކުއްޖެއް މަރުވުމާ ގުޅިގެން އެކަމުގެ ހަގީގަތް ހޯދުމުގެ ތެރޭގައި ދިމާވާ ކަންތައްތައް ދައްކުވައިދޭ ޝޯއެކެވެ. އަދި އެކަމުގެ ހަގީގަތުގެ ތެރެއިން އެތައް އާ ކަންތައްތަކެއް ނިއުޅިގެން ދާ ތަން މި ޝޯއިން ފެންނާނެ ކަމަށް ވެސް އޭނާ މައުލޫމާތު ދެއެވެ.
މި ޝޯގެ ލީޑް ރޯލުން ފެންނާނީ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފުގެ އިތުރުން މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ. މި ޝޯގައި ފެންނާނީ މި ހަތަރު މީހުން ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އަންނަ މަންޒަރެވެ.
ޝޯގެ ލީޑް ރޯލުން ފެންނަ ޝިޔާ އާއި ޝަރަފަކީ މިހާރު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ މަގުބޫލު ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވާ ތަރިންނެވެ. އެގޮތުން ވާޝިޔާ ވަނީ ބައިސްކޯފުގެ ބައެއް ބޮޑެތި ޝޯ ކަމަށްވާ "ގަމިނި" އަދި "އެހެނަސް" ފަދަ ޝޯތަކުން ސަޕޯޓިން ރޯލުން ފެނިގެން ގޮސްފައެވެ. އަދި ޝަރަފް ވަނީ، އިލްޔާސް ވަހީދު (އިއްލެ)ގެ "ނީނާ" ފަދަ ބޮޑެތި ޕްރޮޖެކްޓުން ފެނިގެން ގޮސްފައެވެ.
މާދަމާ ޕްރިމިއާ ކުރާ މި ޝޯގެ ސިނެމެޓޮގްރާފީގެ މަސައްކަތް ކޮށްފައިވަނީއަހުމަދު ޒިފާފް އާއި މުހައްމަދު އައިމަންއެވެ. އަދި ޝޯގެ އާޓް ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ ވާޝިޔާ އާއި އަޝްރަފް އަހުމަދެވެ. ޝޯގެ މޭކަޕްގެ މަސައްކަތް ކޮށްފައިވަނީ ސަރުފާ އަބްދުލް އަޒީޒެވެ.
އާ އަހަރާ އެކު އާ ވާހަކަތެއް ކިޔައިދީ މުނިފޫހި ފިލުވައިދިނުމަށް ބައިސްކޯފުން، މިރާއީ އާއެކު މި ފަށަނީ ވަރުގަދަކޮށެވެ.