20،000 ރުފިޔާއިން ޖޫރިމަނާކުރީ ޤާނޫނާ ޚިލާފަށް، ނިންމުން މުރާޖާ ކޮށްދެއްވާ: އެމްއާރްއެމް

މޯލްޑިވްސް ރިޕޯމް މޫވްމަންޓް ޕާޓީ (އެމްއާރްއެމް)ގެ ރައީސް، ފާރިސް މައުމޫން--- ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމް ހިމެނޭހެން މާލީ ބަޔާން ހުށަނާޅައިގެން އީސީއިން ހަތް ޕާޓީ ޖޫރިމަނާ ކުރުމާއި ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެއެވެ.

އެމްއާރްއެމްއިން ބުނީ އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށެވެ. އެގޮތުން އެ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއި އެއްކޮށް ހުށަހެޅުމުގެ ހުއްދައަށް އެދުމަށް އެދި އެ ޕާޓީއިން އީސީގައި އެދިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ގޮތަށް އެދިފައިވަނިކޮށް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު، 2020 ވަނަ އަހަރު ގެޒެޓު ކުރެވުނު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

އެމްއާރްއެމްއިން ބުނީ އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) އަދި (ނ)ގައިވާ ގޮތުގެމަތީން، 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުން ފަސްކުރެވިފައި ވާކަމަށް އެ ޕާޓީން ބުންޏެވެ.

އަދި އެމްއާރްއެމްއިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށް ވެސް އެމްއާރްއެމް އިން ބުނެއެވެ.

އެހެންނަމަވެސް، އެޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ވިދާޅުވެ، ޖޫރިމަނާކުރިކަމަށް އަންގާ، ފޮނުވާފައިވާ ސިޓީއާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޓުވިޓާގެ ޒަރީއްޔާއިން މީސްމީޑިއާއަށް އެކަން ހާމާކޮށް ކޮށްފައިވާ ޓުވީޓަކީ އީސީއިން ކަންކަން ބަލަންޖެހޭ މިންވަރަށް ނުބަލާ ކޮށްފައިވާ ކަމެއްކަމުގައި ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ވެސް ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ އޮޑިޓްގެ މަސައްކަތް މިހާރު ކުރެވެމުންދާކަން އެ ޕާޓީން ފާހަގަކުރެއެވެ. އޭގެ އިތުރުން އެ ޕާޓީ ޖޫރިމަނާ ކުރަން ނިންމާފައިވާ ނިންމުން މުރާޖާ ކޮށްދިނުމަށް ގޮވާލާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

ޕާޓީތައް ޖޫރިމަނާ ކުރަން ނިންމުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ޚަރަދު ކުރާ ގޮތް އެނގެން ޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާ ހަތް ޕާޓީ:

1. އަދާލަތު ޕާޓީ

2. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)

3. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)

4. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

5. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)

6. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓކް ޕާޓީ

7. މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

މިއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިންނެވެ.

އީސީގައި ރަޖިސްޓްރީކޮށްފައިވާ 11 ސިޔާސީ ޕާޓީއެއް ރާއްޖޭގައި ހިންގައެވެ. ޖޫރިމަނާއެއް ނެތި ސަލަމާތްވި ޕާޓީތަކުގެ ތެރޭގައި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ.

ފުއާދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ކުރުން މުހިންމު ކަމެއް ކަމަށެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ވަނީ ފައިސާ ދީފައެވެ. ނަމަވެސް މި އަހަރު ހަ ޕާޓީއަކަށް ފައިސާ ދޭނެއެވެ.

އީސީން ޕާޓީތައް އޮޑިޓުކުރަން ފެށުމުން ވެސް ޕާޓީތަކުގެ މަސައްކަތް ހަރުދަނާވަމުން އަންނަކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ދައުލަތުން ފައިސާ ދެއެވެ.

comment ކޮމެންޓް