ވީސީ ގްރޫޕާއި ސަން ގުޅިގެން ދަނޑުވެރިކަމުގެ ޓީވީ ޕްރޮގްރާމްތަކެއް އުފައްދަނީ

"ސަން" އިން "ވީސީ ގްރޫޕް" އާ އެކު ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭ ޕްރޮގްރާމެއް ހެދުމަށް ސަން ސިޔާމް މީޑިއާ އާއި ވިސީ ގްރޫފް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު (ސީސީއޯ) މުހައްމަދު ޒަހީނެވެ. އަދި ވިސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ސިނާޢަތާ ގުޅޭ އެކި ކަންކަމަށް އަމާޒުކޮށްގެން ޓީވީ ޕްރޮގްރާމްތަކެއް ސަންއިން އުފައްދާނެއެވެ. މި އެއްބަސްވުމުގެ ދަށުން އެކި ފޭސްތަކަށް ބަހާލައިގެން 54 އެޕިސޯޑު ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

މި ޕްރޮގްރާމްތަކުގެ ބޭނުމަކީ ދަނޑުވެރިކަމާއި ގޭތެރޭގައި މާގަސް ހައްދާގޮތާ ބެހޭ މައުލޫމާތު ދީ ޒަމާނީ ޓެކްނޮލޮޖީ އާއި ވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް ދަނޑުވެރިކަން ކުރުމުގެ މައުލޫމާތު ދިނުމެވެ.

ވީސީއަކީ ޒަމާނީ ދަނޑުވެރިކަމަށް ސަމާލުކަންދޭ އަދި ތިމާވެއްޓާއި ރައްޓެހި ގަސް ހައްދަން ބޭނުންވާ ތަފާތު ބާވަތްތައް އުފައްދައި ފޯރުކޮށްދޭ ކުންފުންޏެކެވެ. ޕެސްޓް މެނޭޖްމަންޓާއި ލޭންޑްސްކޭޕިންގެ ކޮންސަލްޓަންސީ ދެމުންދާ މިކުންފުންޏަކީ މިސިނާޢަތުގައި މަަސައްކަތްކުރާ ކުންފިނިތަކަށް މިހާރުވެސް ކޮންސަލްޓަންސީ ދެމުންދާ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ދަނޑުވެރިކަމުގެ ސިނާޢަތުގައި 45 އަހަރުގެ ތަޖްރިބާހުރި ފަރާތްތަކާއެކު ވީސީ ގްރޫޕުންދަނީ މިހާރުވެސް ދަނޑުވެރިކަމާ ގުޅޭ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން "ދިރިއުޅޭ ގޭގައި ތަރުކާރީ ހެއްދުން"، "ދަނޑުވެރިކަން ފަށައިގަތުން"، "ފްލޮރިކަލްޗަރ" ފަދަ ތަފާތު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް