ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް

ޕީއެސްޖީގެ ކުޅުންތެރިން މެސީއަށް މަރުހަބާ ކިޔަނީ---

ހުސްވި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ރަން ތަށި އުފުލާލި ކެޕްޓަން ލިއޮނަލް މެސީ، އެ މުބާރާތަށްފަހު ފުރަތަމަ ފަހަރަށް ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ވޯލްޑްކަޕް ނިންމާލުމަށްފަހު މެސީ އަވަދިނެތި އުޅުނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ލިބުނު ފަހުރުވެރި ކާމިޔާބީ ފާހަގަކުރުމަށެވެ.

ވޯލްޑްކަޕަށް ފުޓުބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ޕީއެސްޖީން ވަނީ ދެ މެސީ ނުހިމަނައި ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ސްޓްރަސްބޯގް އަތުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މޮޅުވިނަމަވެސް މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުން ލެންސް އަތުން 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ވަނީ ބަލިވެފައެވެ.

ނިމިދިޔަ ވޯލްޑްކަޕްގައި މެސީ ވަނީ މޮޅު ކުޅުމެއް ދަކައިފައެވެ. ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ހަތް ގޯލު ޖަހައި ތިން ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

މީގެ އިތުރުން މެސީއަކީ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެޔާގެ މަގާމު ވެސް ހާސިލުކުރި ކުޅުންތެރިޔާމެއެވެ.

މެސީ އެނބުރި އައުމާއެކު ޕީއެސްޖީން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާނެއެވެ. ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ މިއަދު ޕީއެސްޖީން އެއްބަސްވުން އާކުރުމަށް މެސީއާ ބައްދަލުކުރާނެއެވެ. ނަމަވެސް މި ހަފުތާގައި އަދި އާ ކޮންޓްރެކްޓުގައި ސޮއި ނުކުރާނެކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

މިދިޔަ މަހު މެސީ ވަނީ އޭނާ މިހާރު ކުޅޭ ކުލަބު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރަން އަނގަބަހުން އެއްބަސްވެފައިވެފައެވެ.

ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މެސީ އައުކުރާނީ އެއް ސީޒަނުގެ މުއްދަކަށެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނުއިރު، އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

comment ކޮމެންޓް