އުމަރު ނަސީރުގެ ކެމްޕެއިން ރަސްމީކޮށް ފައްޓައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިން މިއަދު ރަސްމީކޮށް ފައްޓައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އުމަރު މީގެކުރިން ގެންދެވީ ނުރަސްމީކޮށް ކެމްޕެއިން ކުރައްވަމުންނެވެ.

ރަސްމީކޮށް ކެމްޕެއިން ފެއްޓުމަށްފަހު "ސަން"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ކެމްޕެއިން ކޮމެޓީއެއް އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމުގައި ކުރިއަށް ހުރި ހަރަކާތްތައް ރާވާ ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާފައިވާ ކަމަށެވެ.

"ކެމްޕެއިން ކޮމެޓީއެއް މިއަދު އެކުލަވާލައިފިން. މިއަދު އޮތީ އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން. މި ބައްދަލުވުމުގައި އަހަރެމެންގެ ފުރަތަމަ އިވެންޓް ބާއްވާ ދުވަސް ވަނީ ފައިނަލް ކޮށްފަ،" އުމަރު ވިދާޅުވިއެވެ.

"އެ އިވެންޓުގައި އަހަރެމެންގެ ކެމްޕެއިން މެނޭޖަރުގެ ނަން އިއުލާން ކުރާނަން،"

އުމަރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރަން ޖެހޭ ކަމަށާއި އެއީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަތުން ހުއްޓުވުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހިފަން ކެރޭ ވެރިކަމެއް މާތް ﷲގެ އިރާދަފުޅާއެކު ރައްޔިތުން ވަރަށް އަވަހަށް ދެކޭނެ ކަމަށެވެ.

އުމަރު މިހާރު ގެންދަވަނީ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް