އިދިކޮޅު މުޒާހަރާއިން ރޭ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާގައި ފަސް އަންހެނުންނާއި 10 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ 15 މީހުންވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް، އިބްރާހީމް ޝުޖާއު ވެސް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅުގެ ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނަނީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ހިސާބުގައެވެ. ރޭގެ މުޒާހަރާގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވެފައި ވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެއީ ހަރާމް ހުކުމެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ.

comment ކޮމެންޓް