ހުސްވި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު މަރުވި ފުޓުބޯޅައިގެ ރަސްގެފާނު ޕެލޭގެ ހަނދާން އައުކޮށް، އޭނާގެ ހަނދާނުގައި ކޮންމެ ގައުމެއްގައި ވެސް އޭނާގެ ނަމުން މަދުވެގެން އެއް ސްޓޭޑިއަމަށް ނަން ދިނުމަށް އެދޭކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިއްޖެއެވެ.
އިންފަންޓީނޯ މިކަމަށް އެދިފައިވަނީ، ޕެލޭގެ ޖަނާޒާ ހަފްލާގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ. ޕެލޭގެ ޖަނާޒާ ބާއްވާފައިވަނީ ބްރެޒިލްގެ ސައު ޕައުލޯގެ ސަންޓޯސްގައި ހުންނަ ސްޓޭޑިއަމުގައެވެ. ޕެލޭގެ މުޅި ކެރިއަރުގައި ދެ އަހަރެއް ފިޔަވައި އޭނާ ކުޅުނީ ސަންޓޯސް އެފްސީއަށެވެ.
ޕެލޭގެ ހިދުމަތުގެ އަގުވަޒަން ކުރުމަށާއި، އޭނާ މި ކުޅިވަރަށް ގެނެސްދިން ކަންތައްތައް ފާހަގަކޮށް، އެ ކަންކަމުގެ ހަނދާން އައުކުރަން ޖެހޭކަމަށް ބުނެ އިންފަންޓީނޯ ބުނީ، ފީފާގެ ދުނިޔޭގެ 211 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން ކޮންމެ އެސޯސިއޭޝަނެއްގައި ވެސް ޕެލޭގެ ހަނދާނުގައި ކޮންމެ މެޗެއްގައި ހަމަހިމޭން ކަމުގެ މިނެޓެއް ގެނައުމަށް ފީފާއިން ބުނެފައިވާ ކަމަށެވެ.
އަދި ކޮންމެ މެމްބަރު ގައުމެއްގައި ވެސް، ޕެލޭގެ ނަމުގައި ސްޓޭޑިއަމަކަށް ނަން ދިނުމަށް ފީފާއިން އެދުމަށް، ފީފާގެ ރައީސްގެ ހައިސިއްޔަތުން ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.
މިގޮތަށް މިކަން ކުރުމުގެ މަގްސަދަކީ، ފުޓުބޯޅައިގެ އަންނަން އޮތް ޖީލުތަކަށް ޕެލޭ އަކީ ކާކުކަން އަންގައިދީ، އޭނާއަކީ ކިހާ ވަރެއްގެ ކުޅުންތެރިއެއްކަން އަންގައިދިނުން ކަމުގައެވެ. އެގޮތުން މީގެ އަހަރުތަކެއް ނުވަތަ ގަރުނެއް ފަހުންވިޔަސް، އެގޮތަށް ނަން ދީފައިވާ ސްޓޭޑިއަމެއްގައި ކުޅުންތެރިއަކު ލަނޑު ޖަހައި ކޮންމެ ފަހަރަކު ޕެލޭގެ ހަނދާން އައުވާނެ ކަމަށް އިންފަންޓީނޯ ވަނީ ބުނެފައެވެ.
ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސްގެ އިތުރުން އެ އިދާރާގެ ގިނަ އަދަދެއްގެ ވެރިން ބައިވެރިވިއެވެ.
އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ، ކެންސަރު ބަލީގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހުއެވެ.
ތިން ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ޕެލޭ އަކީ ފުޓުބޯޅަ ކެރިއަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، ގޯލް މެޝިނެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ކުޅުންތެރިއެކެވެ. އެގޮތުން ކެރިއަރުގައި އޭނާ ކުޅެފައިވާ ވާދަވެރި މެޗުތަކާއި އެކުވެރިކަމުގެ އަދި ނުރަސްމީ މެޗުތަކުގައި އޭނާ ޖަހާފައިވާ ލަނޑުތަކުގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ނަން ދުނިޔޭގެ ފުޓުބޯޅައިގައި ފަވާލި ތަރި ޕެލޭ އަކީ އަދި ވެސް އެ ޓީމުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އޭނާ ވެސް އަދި މިހާރު އެ ޓީމުގެ ތަރި ނޭމާ ވެސް ގައުމީ ޖާޒީގައި 77 ލަނޑު ޖަހާފައިވެއެވެ.