މައިލީގެ އިންސްޓާ ޕޯސްޓަކަށް ބައި މިލިއަން ޑޮލަރު!

ޑިޒްނީއިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓަރު އަދި ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ އިންސްޓަގްރާމް ޕޯސްޓަކަށް ވެސް ބައި މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބޭ ކަން ހާމަވެއްޖެއެވެ.

މައިލީ އަކީ ގިނަ ޒުވާނުންގެ ތެރޭގައި މަގުބޫލުވެފައިވާ ލަވަކިޔުންތެރިއެކެވެ. ނަމަވެސް އޭނާ ގިނަ ބަޔަކަށް އެނގިފައިވަނީ ޑިޒްނީގެ "ހެނާ މޮންޓެނާ" ޝޯ އިންނެވެ.

އިންފްލުއެންސާ މާކެޓިން ހަބުން ނެރުނު ރެޕޯޓެއްގައި ބުނާގޮތުގައި މައިލީ އެކި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން ސްޕޮންސާ ކޮށް އިންސްޓަގްރާމަށް ކުރާ ކޮންމެ ޕޯސްޓަކަށް ވެސް 340،346 ޑޮލަރާއި 567،234 ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ލިބެއެވެ.

މައިލީ ވަނީ ތަފާތު އެކި ބޮޑެތި ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެތެރޭގައި އެކި ކަހަލަ ކުންފުނިތައް ޕްރޮމޯޓުކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އެއިން އެއް ކުންފުންޏަކީ ލަގްޒަރީ ފެޝަން ބްރޭންޑް ގުޗީއެވެ.

މައިލީ އަކީ ސޯޝަލް މީޑިއާގައި، ހާއްސަކޮށް އިންސްޓަގްރާމްގައި ބޮޑު މަގުބޫލުކަމެއް އޮތް ތަރިއެކެވެ. އޭނާގެ 190 މިލިއަނަށްވުރެ ގިނަ ފޮލޮވަރުން ތިބުމަކީ ބޮޑެތި އަގުތަކުގައި ޕޯސްޓުތައް ވިއްކާލުމުގެ ބާރު އޭނާއަށް ލިބޭ ކަމެކެވެ.

މައިލީގެ ޕޯސްޓުތަކަށް އެހާ ބޮޑު އަދަދެއް ނެގި ނަމަވެސް އޭނާއަކީ އިންސްޓަގްރާމްގައި އެންމެ ބޮޑު އާމްދަނީ ހޯދާ ތަރިންގެ ތެރޭގައި 18 ވަނައިގައި ހިމެނޭ ތަރިއެކެވެ.

އިންސްޓަގްރާމްގައި އެންމެ އަގުބޮޑުކޮށް ޕޯސްޓުތައް ވިއްކާ ތަރިންގެ ތެރޭގައި ހިމެނޭނީ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރިއެލިޓީ ތަރި ކައިލީ ޖެނާއެވެ. ދެ މީހުންގެ ޕޯސްޓުތަކަށް ވެސް އެންމެ މަދުވެގެން ކިޔާ އަގަކީ އެއް މިލިއަން ޑޮލަރެވެ.

comment ކޮމެންޓް