ރަސްމީ ފާލަން ފަޅުތެރެއަށް ކަަޅުތެޔޮ އެޅުނު މައްސަަލަ އީޕީއޭއިން ބަލަނީ

ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮ--- ފޮޓޯ/ އެމްއެންޑީއެފް

އެއް ނަމްބަރު ފާލަން ފަޅުތެރެއަށް ކަޅުތެޔޮ އެޅުނު މައްސަލަ ކޯސްޓްގާޑާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ އިއްޔެ ހެނދުނު 09:10 ހާއިރެވެ.

އެ މައުލޫމާތު ލިބުމުން ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު، މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އެމްޕީއެލް ސަރަހައްދު މޫދަށް ފެތުރިފައިވާ ތެޔޮ ނެގި، އެ ތެޔޮގަނޑު ފެތުރުން ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިންގް ބޭނުންކޮށްގެން، ކޮންޓެއިންކޮށް މިހާރު ތެޔޮތައް ނެގުމުގެ މަސައްކަތްވަނީ ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް މިއަދު ވިދާޅުވީ، އެ ފަޅަކީ މާ ބޮޑު ދިރުންތަކެއް އުޅޭ ތަނެއް ނޫން ނަމަވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބޭނެކަމަށެވެ.

"އީޕީއޭއިން މިހާރު އެއީ ކިހިނެއް ވީ ކަމެއްތޯ ބަލާނެ. ކޯސްޓުގާޑާއި އެންމެނާ ގުޅިގެން ބަލާނެ. ދެން ތެޔޮ އެޅުމަކީ މަނާ ކަމެއް. އެ ފަދަ ކަމެއް ކޮށްފިއްޔާ ޖޫރިމަނާ ކުރެވޭ ގޮތަށް އިންނާނީ،" ނައީމް ވިދާޅުވިއެވެ.

ހާހަކަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ފަޅުތެރެެއަށް އެޅިފައިވާކަމަށް މައުލޫމާތު ލިބިއެވެ.

ނައީމް ވިދާޅުވީ ބެލެވޭ ގޮތުގައި އެ ތެޔޮގަނޑަކީ ދުއްވައިފައި ދިޔަ އުޅަނދަކުން އުކާލި ތެޔޮ ކަމަށެވެ. އަދި އެ ތެޔޮ ފަޅު ތެރެއަށް ޖަމާވީ އޮޔާއެކު ކަމަށް ބެލެވޭކަމަށް ނައީމް ވިދާޅުވިއެވެ.

comment ކޮމެންޓް