ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުކުރާ ކަންކަން އަންނަނީ އިތުރުވަމުން: އީޕީއޭ

ވެލައެއް: ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުކުރާ ކަންކަން އަންނަނީ އިތުރުވަމުން ކަމަށް އީޕީއޭއިން ބުނެފައިވޭ --- ފޮޓޯ/ ސީ ޓާޓަލް ކޮންވަޒޭޝަން

ހިމާޔަތްކޮށްފައިވާ ދިރުންތަކާއި އެތަކެތި އުޅޭ މާހައުލަށް ނޭދެވޭ އަސަރު ކުރާ ގިނަ ކަންތައްތައް ތަކުރާރުކޮށް ފެންނަ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ރައްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރާ ގިނަގުނަ ކަންތައްތަކެއް ފާހަގަވަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، އެ އެޖެންސީގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ، ހިމާޔަތްކޮށްފައިވާއި ދިރުންތައް ހިފާ ގެންގުޅުމާއި އެތަކެތި މަރުމާ ކެއުމުގެ އިތުރުން ތަކެތީގެ ބައިތަކުގެ ވިޔަފާރި ކުރުމެވެ. އަދި، ވެލާ ކަހަނބު ހިފުމާއި ހިމާޔަތްކޮށްފައިވާ ދޫނި ސޫފާސޫފީގެ ބާވަތްތައް އޮޅު ޖަނަވާރުންގެ ގޮތުގައި ގެންގުޅުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ގުދުރަތީ ގޮތުގައި ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުން ވަނީ ރާއްޖޭގެ މާހައުލުން ފެންނަ މުހިންމު ދިރުންތަކެއް ރައްކާތެރިކޮށް ގާނޫނީ ގޮތުން ހިމާޔަތްދީފައެވެ.

މަޑިތަކެއް: ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުކުރާ ކަންކަން އަންނަނީ އިތުރުވަމުން ކަމަށް އީޕީއޭއިން ބުނެފައިވޭ --- ފޮޓޯ/ ނައުޓިލަސް މޯލްޑިވްސް

ރާއްޖޭގައި ގާނޫނީ ގޮތުން ހިމާޔަތްކޮށް، ރައްކާތެރިކޮށްދީފައިވާ ދިރުންތައް:

  • ފަސް ބާވަތުގެ ވެލާ ކަހަނބު
  • އެއް ބާވަތުގެ ކަންޒު ކަހަނބު
  • 207 ބާވަތުގެ ދޫނި
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ހުރިހާ ބާވަތެއްގެ މަޑި
  • ފެހުރިހި
އިސްވެ ދެންނެވުނު ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލަށް މުހިއްމު ފައިދާތަކެއް ފޯރުކޮށްދޭ ދިރުންތަކެކެވެ. އަދި ހަމައެއާއެކު ދިވެހިންގެ އުޅުމާއި ސަގާފަތާއި އިގްތިސޯދާ ވަރަށް ވެސް ބޮޑަށް ގުޅި ލާމެހިފައިވާ މުހިއްމު ދިރުންތަކެވެއީޕީއޭ

އީޕީއޭއިން ބުނާ ގޮތުގައި، ހިމާޔަތްކޮށްފައިވާ ދިރުންތަކަކީ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށާއި ނޭޗާ ޓުއަރިޒަމްގެ ފަހަތުގައިވާ އެއް ސަބަބު ކަމަށެވެ.

ކަނބިލި: ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުކުރާ ކަންކަން އަންނަނީ އިތުރުވަމުން ކަމަށް އީޕީއޭއިން ބުނެފައިވޭ --- ފޮޓޯ/ ފިޔަ އޮންލައިން

މީގެއިތުރުން، އެފަދަ ދިރުންތައް ރާއްޖޭން ފެނުމަކީ ފަތުރުވެރިން އަންނަ އެއް ސަބަބުކަން އެޖަމިއްޔާއިން ފާހަގަކޮށްފައިވާއިރު، އެ ދިރުންތައް ވެށިން ފެނުމަކީ ދިވެހީންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އެއްޗެއް ކަމަށް އީޕީއޭ އިން ބުނެއެވެ.

އައިންމަތީ ދޫނިތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެކެވެ. އެސޮރުމެންނާ އަދި ހިމާޔަތްކުރެވިފައިވާ ކަނޑުގެ އެހެން ދިރުންތަކަކީ ރާއްޖޭގެ މާހައުލު ދެމެހެއްޓުމަށްޓަކައި ގިނަގުނަ ތަފާތު ގުދުރަތީ ޚިދުމަތްތަށް ފޯރުކޮށްދޭ، ރާއްޖޭގެ ގުރުދަތީ ނިޒާމުގެ މުހިންމު ބަޔެކެވެ.އީޕީއޭ

އެ ޖަމިއްޔާއިން ވަނީ ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގަވާއިދާ ޚިލާފު ކަންކަން އިތުރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެކަމަށް ފިޔަވަޅެއް އަޅާނެ ކަމަކަށް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް