ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިޞާދު އޮތް ހާލަތަށް އަލުން ރުޖޫއަވެއްޖެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ކޮވިޑް19ގެ ތެރޭ ރާއްޖޭގެ އިގްތިޞާދަށް އައި ލޮޅުމަށްފަހު އަލުން، ބަލިމަޑުކަމުގެ ކުރިން ހުރި ހާލަތަށް ރާއްޖޭގެ އިގްތިޞާދު ރިކަވާވެފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ރާއްޖެއަށް ކުރި ސްޓާފް ވިޒިޓަށްފަހު ނެރެފައިވާ ރިޕޯޓާ ގުޅިގެން އަމީރު ވިދާޅުވީ އައިއެމްއެފްއިން ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގްތިޞާދު ބާރަށް ކުރިއަރަމުން އަންނަކަމަށެވެ.

އިގްތިޞާދު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުކަމަށް އަމީރު ވިދާޅުވިއެވެ.

"ދިވެހި އިގްތިޞާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022ވަނަ އަހަރަށް އަަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރުވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާނެކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، އިގްތިޞާދު ރަނގަޅުކުރުމަށް ޓަކައި ނިންމާ ނިންމުންތައް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ނިންމަވަނީ ސިޔާސީ މަންފާއެއް ލިބިގަތުމަށް ނޫންކަމަށެވެ.

ނަމަވެސް އެ ނިންމުންތައް ނިންމަވަނީ ދިވެހި ރައްޔިތުންނާއި ގައުމުގެ ފައިދާ އިސްކުރައްވައި އެ ބޭނުމުގައި ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަދި ސިޔާސީ ބާރުވެރިކަން ހޯދަން ނިންމާ ނިންމުންތަކުން އުފުލަން ޖެހޭ ހިތި، ރާއްޖެއާ ކައިރި ގައުމުތަކުން ފެންނަމުން އަންނަކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"ކައިރި ގައުމުތަކުން އަޅުގަނޑުމެންނަށް ފެނިގެންދާ ހަގީގަތަކީ، ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި، އިގްތިސާދީ ސިޔާސަތުތައް ކޮމްޕްރޮމައިޒްވުމުން، އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށްކަން،" އަމީރު ވިދާޅުވިއެވެ.

https://sun.mv/172040

އަމީރު މިއަދު މިފަދައިން ވިދާޅުވެފައިވާއިރު، އާންމު ޚިދުމަތާއި މުދަލުން ނަގާ ޓެކްސް ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވެ އާ ޓެކްސް ރޭޓަށް އަަމަލުކުރަން އިއްޔެވަނީ ފަށައިފައެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ވެސްވަނީ ހަމައެކަނި ޓެކްސް ބޮޑުކޮށްގެން އިގްތިޞާދު ރަނގަޅުނުވާނެކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އައިއެމްއެފުން ބުނީ، ޖީއެސްޓީ ބޮޑުކޮށްގެން ފަރުޖައްސައިލައިގެން ތިބެވެން ނެތްކަމަށާއި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގުތައް ބޮޑުވަމުން އަންނައިރު، ދައުލަތުން ކުރާ ހޭދަތައް ކުޑަކުރުން ނޫން ހައްލެއް ނެތްކަމަށެވެ.

ރާއްޖޭގެ އިޤްތިސާދުގެ ކުރިއެރުމާ ބެހޭގޮތުން އައިއެމްއެފުން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުވާނެތީވެ، ރާއްޖޭގެ އިޤްތިސާދުގެ ކުރިއެރުން ވެސް ރަނގަޅުވާނެކަމަށެވެ.

ނަމަވެސް ރައްޖޭގެ އިޤްތިސާދަށް އޮތް ރިސްކަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވެ، ދަރަނި ނުހިފެހެއްޓިގެން ދިއުންކަމަށް އައިއެމްއެފުން ބުނެއެވެ.

comment ކޮމެންޓް