ހަމައެކަނި ޓެކްސްތައް ބޮޑުކޮށްގެން ފަރުޖެއްސޭކަށެއް ނެތް: އައިއެމްއެފް

އައިއެމްއެފްގެ މައި ހެޑްކުއާޓަރު

ޓެކްސް ބޮޑުކޮށްގެން ފަރުޖައްސާލައިގެން ތިބެވެން ނެތްކަމަށާއި، ދައުލަތުގެ ޚަރަދުތައް އަދިވެސް ހުރީ އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށްކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފުން މިގޮތަށް ބުނެފައިވަނީ، ރާއްޖޭގެ އިޤްތިސާދީ ހާލަތު ބެލުމަށް މިދިޔަ އޮކްޓޯބަރުމަހު އެ އިދާރާގެ ޓީމުން ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓުގައެވެ. އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިޤްތިސާދުގައި މިހާރު ހުރި ބައެއް ކަންކަމާ ގުޅޭގޮތުން އެ ޖަމްޢިއްޔާއިން ދެކޭގޮތް ހާމަކޮށްފައެވެ.

އައިއެމްއެފުން ބުނީ، ރާއްޖޭގެ ދަރަނި ހުރި މިންގަނޑުން އިންތިހާއަށް ކަންބޮޑުވާކަމަށާއި، މީގެ ކުރީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާގޮތަށް ދައުލަތުގެ ޚަރަދުތައް ވަރަށްބޮޑަށް ދަށްކުރަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ދެމުންއަންނަ ސަބްސިޑީ އާއި އެނޫންވެސް ނަންނަމުގައި ފައިސާ ދެމުން އަންނަ އައުމާމެދު، ދެވަނަ ވިސްނުމަކަށްދާން ޖެހޭކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް ސަބްސިޑީ ދެމުން އަންނަ އުސޫލުވެސް މުރާޖައާ ކުރަން ޖެހޭކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ. އައިއެމްއެފުން ނެރޭ ކޮންމެ ރިޕޯޓެއްގައިވެސް ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ދިނުމަށް ފާހަގަކުރެއެވެ.

އައިއެމްއެފުގެ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ދަރަނި މިދާގޮތަށް ކުރިއަށްދާނަމަ، ދަރަނި މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރިޒާވަށް ބާރުބޮޑުވެގެންދާނެއެވެ. ރާއްޖޭގެ ދަރަނި ހުރި މިންގަނޑުން މިހާރުވެސް ރިޒާވް ދަށްވަމުން އަންނަކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑުކޮށްފައިވާތީވެ، އައިއެމްއެފުން ވަނީ އެކަމަށް މަރުހަބާކިޔާފައެވެ. މިކަމާ ގުޅޭގޮތުން އައިއެމްއެފުން ބުނީ، ޖީއެސްޓީ ބޮޑުކޮށްގެން ފަރުޖައްސާލައިގެން ތިބެވެން ނެތްކަމަށާއި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގުތައް ބޮޑުވަމުން އަންނައިރު، ދައުލަތުން ކުރާ ހޭދަތައް ކުޑަކުރުން ނޫން ހައްލެއް ނެތްކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނަ މިންގަނޑަށް ބަލާއިރު، އެހެން ޤައުމުތަކަށްވުރެ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓިފައިވާކަމަށް އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ. ސަބަބެއްކަމަށް އެ އިދާރާއިން ބުނެފައިވަނީ ދައުލަތުން ދޭ ސަބްސިޑީއާއެކު އަގުތައް ބޮޑުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. ނަމަވެސް ދަރަނި ބޮޑުވަމުންދާ މިންގަނޑުން މިކަން ދާއިމީގޮތެއްގައި ނުކުރެވޭނޭކަމަށް އައިއެމްއެފުން ބުނެއެވެ.

ރާއްޖޭގެ އިޤްތިސާދުގެ ކުރިއެރުމާ ބެހޭގޮތުން އައިއެމްއެފުން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުވާނެތީވެ، ރާއްޖޭގެ އިޤްތިސާދުގެ ކުރިއެރުންވެސް ރަނގަޅުވާނެކަމަށެވެ. ނަމަވެސް ރައްޖޭގެ އިޤްތިސާދަށް އޮތް ރިސްކަކީ ދައުލަތުގެ ޚަރަދުތައް ބޮޑުވެ، ދަރަނި ނުހިފެހެއްޓިގެން ދިއުންކަމަށް އައިއެމްއެފުން ބުނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ދެމުންއަންނަ ސަބްސިޑީއާ ގުޅިގެން އައިއެމްއެފްގެ ރިޕޯޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ވޯލްޑް ބޭންކުން މިއަހަރުގެ އޮކްޓޯބަރުމަހު ދެކުނު އޭޝިއާގެ އިޤްތިސާދާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައިވެސް ވަނީ ރައްޖޭގެ ދަރަނި ހުރި މިންގަނޑުން ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ވޯލްޑް ބޭންކުން ނެރުނު އެ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އިޤްތިސާދު ކުރިއަރާނޭކަމަށް ލަފާކުރެވުނަސް ދައުލަތުގެ ޚަރަދުތައް ބޮޑުވުމާއެކު ބޭރުގެ ދަރަނި ބޮޑުވަމުންދާ ދިއުމަކީ ރައްޖޭގެ އިޤްތިސާދަށް އޮތް ވަރަށްބޮޑު ނުރައްކަލެއް ކަމަށެވެ.

comment ކޮމެންޓް