މާލީ ބަޔާން ހުށަނާޅާ ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު: މާލީ ބަޔާން ހުށަނާޅާ ހަތް ޕާޓީއެއް ޖޫރިމަނާ ކުރަން އެކޮމިޝަނުން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލީ ބަޔާން ހުށަނަހަޅައިގެން އިލެކްޝަންސް ކޮމިޝަނުން، ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ޚަރަދު ކުރާ ގޮތް އެނގެން ޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާ ހަތް ޕާޓީ:

  • އަދާލަތު ޕާޓީ
  • ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓކް ޕާޓީ
  • މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

މިއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިންނެވެ.

އީސީގައި ރަޖިސްޓްރީކޮށްފައިވާ 11 ސިޔާސީ ޕާޓީއެއް ރާއްޖޭގައި ހިންގައެވެ. ޖޫރިމަނާއެއް ނެތި ސަލަމާތްވި ޕާޓީތަކުގެ ތެރޭގައި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ.

ފުއާދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ކުރުން މުހިންމު ކަމެއް ކަމަށެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ވަނީ ފައިސާ ދީފައެވެ. ނަމަވެސް އަންނަ އަހަރު ހަ ޕާޓީއަކަށް ފައިސާ ދޭނެއެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރު ފަށައިގެންފައިވާނެ، ދައުލަތުގެ ބަޖެޓު ދެވޭ ހުރިހާ ޕާޓީތަކެއްގެ އޮފީހަށް ގޮސް، އޮޑިޓުކުރަން. އެ ކަން ކުރެވިފައިވަނީ. ދެން ކުރިއަށް މި ފެށޭ އަހަރު ވެސް އެ ކަން ކުރާނަން. އަދި އަޅުގަނޑުމެންނަށް އެ ކަން މި ކުރެވެނީ ފައިސާ ދެވޭ ޕާޓީތަކަށް އެކަނި. އެހެން އޮތަސް އަޅުގަނޑުމެންނަށް ވަގުތާ މުވައްޒަފުންގެ ތެރެއިން އެ ކަން ފަހިވާނަމަ، ހުރިހާ ޕާޓީތައް އޮޑިޓް ކުރުން ވިސްނުމަކީ،" ފުއާދު ވިދާޅުވިއެވެ.

އީސީން ޕާޓީތައް އޮޑިޓުކުރަން ފެށުމުން ވެސް ޕާޓީތަކުގެ މަސައްކަތް ހަރުދަނާ ވަމުން އަންނަކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ދައުލަތުން ފައިސާ ދެއެވެ.

comment ކޮމެންޓް