އަދުގެ ފުޓުބޯޅަ ދުނިޔޭގައި އެންމެ ވާދަވެރި، އެންމެ ހައިބަތު ބޮޑު، އެންމެ ގިނަ ރެކޯޑުތައް ހަދާފައިވާ ދެ ކުޅުންތެރިންނަކީ މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި ދެ ކުޅުންތެރިން ފުޓުބޯޅައިގައި ހަދާފައިވާ ރެކޯޑުތަކާއި، ހޯދާފައިވާ ޝަރަފުތަކަކީ، އެ ރެކޯޑުތަކާއި ޝަރަފުތަކާ އެހެން ކުޅުންތެރިއަކަށް އަރައި ހަމަކުރަން އުނދަގޫވާނެ ރެކޯޑުތަކެކެވެ. އެހެންނަމަވެސް ފުޓުބޯޅައިގެ ދިގު މާޒީއަށް ރިއާޔަތްކޮށް، ފުޓުބޯޅައިގެ "ގްރޭޓަސްޓް އޮފް އޯލް ޓައިމް" އަކީ އެޑްސަން އަރާންޓޭސް ޑޮ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ ކަމަށް ގިނަބަޔަކު ބުނަނީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ.
އޭގެތެރެއިން އެއް ސަބަބަކީ ފުޓުބޯޅައިގައި އޭނާ ގާއިމްކޮށްފައިވާ ބައެއް ރެކޯޑުތައް، އޭނާ ފުޓުބޯޅައިން ރިޓަޔާ ކުރިތާ 45 އަހަރު ވެގެންދިޔައިރު ވެސް އެހެން ކުޅުންތެރިއަކަށް މުގުރާލެވިފައި ނުވުމެވެ.
އުމުރުން 15 އަހަރުގައި ބްރެޒިލްގެ ސަންޓޯސް އިން ސީނިއާ ކެރިއަރު ފެށި ޕެލޭ ވަނީ އުމުރުން އެންމެ 16 އަހަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.
ސަންޓޯސްއާއެކު ހޭދަކުރި 19 އަހަރުގެ ތެރޭގައި އޭނާ އެ ޓީމަށް ހޯދާދީފައިވާ ކުރިއެރުންތަކާއި، ކާމިޔާބީއަކީ، ޕެލޭ އަކީ ހަމަ ހަގީގަތުގައި ވެސް ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަބަބެކެވެ.
މި ބަލާނަނީ ޕެލޭ ފުޓުބޯޅަ ކުޅުން ހުއްޓާލިތާ 45 އަހަރު ވެފައިވާއިރު ވެސް މިހާތަނަށް އޭނާގެ ނަމުގައި ހުރި ބައެއް ރެކޯޑު ތަކަށެވެ.
ވޯލްޑް ކަޕު ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު:

1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ބްރެޒިލް ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން --
1957 ވަނަ އަހަރު ޕެލޭ ގައުމީ ޓީމަށް ކުޅެން ފެށިއިރު، އޭނާ އެންމެ ފުރަތަމަ ގައުމީ ޖާޒީގައި ލަނޑެއް ޖެހީ އެ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ އާޖެންޓީނާއާ ދެކޮޅަށް ކުޅެ 1-2 އިން ބްރެޒިލް ބަލިވި މެޗުގައެވެ. މި ލަނޑު ޖެހިއިރު ޕެލޭގެ އުމުރަކީ 16 އަހަރާއި ނުވަ މަހެވެ. މި ލަނޑާއެކު، މިއަދާ ހަމައަށް ވެސް ޕެލޭ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއެވެ،
ޖެހިގެން އައި 1958 ވަނަ އަަހަރު، ސްވިޑެންގައި ބޭއްވި ވޯލްޑް ކަޕުގައި ބްރެޒިލްގެ ސްކޮޑުގައި ހިމެނިގެން ޕެލޭ ކުޅުނުއިރު އެ މުބާރާތް ކާމިޔާބުކުރީ ބްރެޒިލްއިންނެވެ. މިއަދާ ހަމައަށް ޕެލޭ އަކީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާއެވެ. މީގެއިތުރުން މުބާރާތުގެ ފައިނަލް މެޗުގައި ސްވިޑަންއާ ދެކޮޅަށް ބްރެޒިލްއިން ކުޅުނުއިރު، ފައިނަލް މެޗުގައި ކުޅެ ޕެލޭ ވަނީ އިތުރު ރެކޯޑެއް ވެސް ގާއިމްކޮށްފައެވެ. މިއަދާ ހަމައަށް އައި އިރުވެސް ވޯލްޑް ކަޕުގެ ފައިނަލް މެޗެއްގައި ކުޅުނު އަދި ފައިނަލުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިއަކީ ޕެލޭ އެވެ.
ބްރެޒިލްގެ ޖޮއިންޓް އޯލް ޓައިމް ޓޮޕް ސްކޯރާ:

ބްރެޒިލްގެ އޯލް ޓައިމް ޓޮޕް ސްކޯރަރުން --
1957 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދީފައިވާ ޕެލޭ އަކީ، ފުޓުބޯޅައިގައި އެ ގައުމަކީ ގަދަ ބާރަކަށް ހަދައިދިން ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕުގައި އެންމެ ކާމިޔާބު ގައުމަކަށް ބްރެޒިލް ހަދައިދިނުމުގެ އެންމެ މައި ތަނބަކީ ވެސް ޕެލޭއެވެ.
14 އަހަރުގެ މުއްދަތެއްގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޖާޒީގައި ޕެލޭ ވަނީ ޖުމްލަ 64 މެޗު ކުޅެދީފައެވެ. އެ މެޗުތަކުން ޕެލޭ ވަނީ 77 ލަނޑު ގައުމީ ޖާޒީގައި ޖަހާފައެވެ.
މި ފަހަކާ ޖެހެންދެން އޭނާ އަކީ ބްރެޒިލްގެ ދިގު ތާރީޚުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އެހެންނަމަވެސް މި މަހުގެ 18 ވަނަ ދުވަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕުގެ ތެރެއިން ބްރެޒިލްގެ މިހާރުގެ ތަރި، ނޭމާ ވަނީ އެ އަދަދަށް ލަނޑު ޖަހައި، ޕެލޭގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. ނޭމާ 77 ލަނޑު ހަމަކޮށްފައި ވަނީ 124 މެޗު ކުޅެގެންނެވެ. އެހެންކަމުން ކައިރި މުސްތަގްބަލެއްގައި ޕެލޭގެ މި ރެކޯޑު ނޭމާއަށް މުގުރާލެވިދާނެއެވެ.
އެންމެ ގިނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު:

ޕެލޭ، ވޯލްޑް ކަޕުގެ ތިން ރެޕްލިކާ ޓްރޮފީއަކާއެކު ---
1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެ އެ މުބާރާތް ބްރެޒިލްއާއެކު ކާމިޔާބު ކުރުމަށްފަހު، 1962 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޕެލޭ ކުޅުނެވެ. އެހެންނަމަވެސް އެ މުބާރާތުގައި ބްރެޒިލްއިން ކުޅުނު ދެވަނަ މެޗުގައި ޕެލޭއަށް އަނިޔާވުމާ ގުޅިގެން އެ މުބާރާތުގެ ބާކީ މެޗުތައް އޭނާ ކުޅެފައެއް ނުވެއެވެ.
އެ މުބާރާތް ވެސް ބްރެޒިލްއިން ކާމިޔާބުކުރިއިރު، ފީފާގެ އޭރުގެ ގަވައިދު ބުނާގޮތުން ފައިނަލް މެޗުގައި ނުކުޅޭ ކުޅުންތެރިންނަށް، ޓީމު ޗެމްޕިއަންކަން ހޯދި ނަމަވެސް ރަން މެޑަލް ނުލިބޭނެއެވެ. މިއާއެކު ގިނަ އަހަރުތަކެއް ވަންދެން ޕެލޭއަށް އެ ފަހަރުގެ ރަން މެޑަލް ނުލިބުނު ނަމަވެސް، 1978 ވަނަ އަހަރު ފީފާއިން މި ގަވައިދު ބަދަލު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން 1962 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަން މެޑަލް ޕެލޭއަށް ލިބުނީ 2007 ވަނަ އަހަރުގެ ތެރޭގައެވެ.
ޖެހިގެން އައި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޕެލޭ ކުޅުނުއިރު، އަނިޔާގެ ސަބަބުން އޭނާއަށް މުބާރާތުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ މުބާރާތުން ބްރެޒިލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއާއެކު ދެން ވޯލްޑް ކަޕެއްގައި ނުކުޅޭނެ ކަމަށް ޕެލޭ ބުނެފައިވާއިރު، ފަހުން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އެއަށްފަހު ކުޅުނު 1970 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕެލޭގެ މޮޅު ކުޅުމަކާއެކު ބްރެޒިލްއިން ވަނީ އެ މުބާރާްތް ކާމިޔާބު ކޮށްފައެވެ. އެ މުބާރާތުގައި ޕެލޭ ހަތަރު ލަނޑު ޖަހާފައިވާއިރު، ފައިނަލުގައި އިޓަލީގެ މައްޗަށް 1-4 އިން ކުރިހޯދި މެޗުގައި ވެސް ބްރެޒިލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޕެލޭއެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ އޭނާއެވެ.
އެ ވޯލްޑް ކަޕް ބްރެޒިލްއާއެކު ކާމިޔާބުކޮށް ޖުމްލަ ތިން ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ އަދި، މިއަދާ ހަމައަށް އައިއިރު އެ ޝަރަފު ހޯދި ހަމައެކަނި ކުޅުންތެރިއަކީ ވެސް ޕެލޭއެވެ.
ވޯލްޑް ކަޕުގައި އެންމެ މަދު މެޗު ކުޅެ އެންމެ ގިނަ އެސިސްޓު ކުރި ކުޅުންތެރިޔާގެ ރެކޯޑު:

ތިންވަނަ ފަހަރަށް ބްރެޒިލްއިން ވޯލްޑް ކަޕް ކާމިޔާބު ކުރި މުބާރާތުގެ ތެރެއިން --
"ގޯލް މެޝިން"އަކަށް ވުމުގެ އިތުރުން ޕެލޭ އަކީ އެހެން ކުޅުންތެރިންނަށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ހަތަރު ވޯލްޑް ކަޕެއްގައި ޖުމްލަ 14 މެޗު ކުޅެފައިވާ ޕެލޭ ވަނީ މުބާރާތުގެ ތެރެއިން އަށް އެސިސްޓު ކޮށްފައެވެ. މިއަދަދަށް އިތުރު ދެ ކުޅުންތެރިއަކު ވެސް އެސިސްޓް ކޮށްފައިވެއެވެ. އެއީ ބްރެޒިލްއާ ވާދަވެރި އާޖެންޓީނާއަށް ކުޅެފައިވާ ލެޖެންޑް، ޑިއޭގޯ މަރަޑޯނާއާއި އެޓީމުގެ މިހާރުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މަރަޑޯނާ މި އަދަދަށް އެސިސްޓު ކޮށްފައި ވަނީ 21 މެޗު ކުޅެގެންނެވެ. މެސީ މި އަދަދަށް އެސިސްޓު ކުރީ 26 މެޗު ކުޅެގެންނެވެ.
ވޯލްޑް ކަޕުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު:

ޕެލޭގެ ފުރަތަމަ ވޯލްޑް ކަޕުގެ ތެރެއިން --
ވޯލްޑް ކަޕުގެ 22 ވަނަ އެޑިޝަން މިފަހުން ނިމުނުއިރު، މިއަދާ ހަމައަށް ވޯލްޑް ކަޕުގެ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިއާގެ ރެކޯޑު އޮތީ ޕެލޭގެ އަތުގައެވެ.
މިއީ 1958 ވަނަ އަހަރު ސްވިޑަންގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ވޭލްސްއާ ދެކޮޅަށް އޭނާ ޖެހި ލަނޑެކެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުމުރުން 17 އަހަރާއި 239 ދުވަހުގެ ތެރޭގައެވެ.
ވޯލްޑް ކަޕުގައި ހެޓްރިކް ހެދި އެންމެ ހަގު ކުޅުންތެރިޔާ:

ވޯލްޑް ކަޕުގައި ޕެލޭ ކުޅުނު މެޗެއްގެ ތެރެއިން --
މި ރެކޯޑް ޕެލޭ ގާއިމްކުރީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-5 އިން ބްރެޒިލް މޮޅުވި މެޗުގައެވެ. މިއީ ޕެލޭގެ ފުރަތަމަ ހެޓްރިކްވެސްމެއެވެ. އޭނާ މި ރެކޯޑް ގާއިމްކުރީ އުމުރުން 17 އަހަރާއި 245 ދުވަހުން ހެޓްރިކް ހަދައިގެންނެވެ.
ފުޓުބޯޅައިގައި އެތައް ކާމިޔާބީއަކާ ޝަރަފެއް ހޯދައި، އެތައް ބައެއްގެ ލޯތްބާއި އިޚްތިރާމް ހޯދާފައިވާ ޕެލޭ ވަނީ ސީނިއާ ފެންވަރުގައި 21 އަހަރުގެ ކެރިއަރެއް ހޭދަކޮށްފައެވެ.
އުމުރުން 82 އަހަރުގައި ޕެލޭ މަރުވެފައިވާއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އޭނާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާން ފަށާފައެވެ. އެހެންނަމަވެސް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ޕެލޭގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ވަނީ އެޑުމިޓުވެސް ކޮށްފައެވެ.

މިފަހުން ޕެލޭ ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ---
ކެންސަރަށް ފަރުވާ ހޯދުމަށް ދެމުން ގެންދިޔަ ކީމޮތެރަޕީ ޓްރީޓްމަންޓުން އެއްވެސް ހެޔޮ އަސަރެއް ނުކުރާކަން ދެނެގަނެވި، މި މަހުގެ ތިންވަނަ ދުވަހު ސައޮ ޕައުލޯގެ އެލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ވަނީ، ޕެލޭ ޕެލިއޭޓިވް ކެއާއަށް ބަދަލުކޮށްފައެވެ. ޕެލިއޭޓިވް ކެއާ އަށް ބަދަލު ކުރުމުގެ މާނައަކީ، ބައްޔަށް ދޭނެ އިތުރު ފަރުވާއެއް ނެތުމުން، ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރުމަށް، މަރުވަންދެން ބެހެއްޓުމަށް ކިޔާ ނަމެކެވެ.
ޕެލިއޭޓިވް ކެއާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އިއްޔެގެ ވަގުތެއްގައި ޕެލޭ މަރުވިއިރު، އޭނާގެ ހަތް ކުދިން ތިބެއެވެ. އޭނާ ވަނީ ޖުމްލަ ތިން ކައިވެންޏެއް ކޮށްފައެވެ. އެންމެފަހުން ޕެލޭ މީހަކާ އިނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެއީ އޭރު އުމުރުން 41 އަހަރުގެ މާޝިއާ އަޔޯކީ ނަމަކަށް ކިޔާ ޖަޕާނު ދަރިކޮޅުގެ ބްރެޒިލް ރައްޔިތަކާއެވެ.
ޕެލޭ މަރުވުމާ ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވާފައިވާއިރު، މަޝްހޫރު އެތައް ކުޅިވަރު ޝަހްސިއްޔަތަކުން އަންނަނީ ޕެލޭގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.