ހިޔާ ފުލެޓު ސަރަހައްދުގެ މޯބައިލް ރޭންޖް ރަނގަޅުކުރުމުގެ ގޮތުން ޓަވަރު ދޭއް އަދި ތިނެއްގެ މަތީގައި ސެލިއުލަރ އެންޓަނާތަކެއް ޖެހުމަށް، ދިރާގާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިރާގާއެކު ވެވުނު މި އެއްބަސްވުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، އެއްބަސްވުމުގެ ދަށުން ދިރާގުން، ޓަވަރުތަކުގެ މަތީގައި ސެލިއުލަރ ރޫފްޓޮޕް އެންޓަނާތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ ކަމަށެވެ. މި އެންޓަނާ ތަކުގެ ސަބަބުން ހިޔާ ސަރަހައްދުގެ މޯބައިލް ކަވަރޭޖް މިހާރަށް ވުރެ އިތުރަށް ރަނގަޅު ވެގެންދާނޭކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ހިޔާ ފުލެޓު ސަރަހައްދާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މި ނޫން ވެސް ސަރަހައްދުތަކުގައި މޯބައިލް ކަވަރޭޖް ރަނގަޅުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށް ގެންދާ ކަމަށެވެ.
ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެޗްޑީސީއިން ވަނީ ހިޔާ އެ ސަރަހައްދުގެ މުއާސަލާތީ ހިދުމަތްދޭ ހުރިހާ ފަރާތަކަށް ބޭނުން ކުރެވޭގޮތަށް ހަތަރު މުއާސަލާތީ ޓަވަރު ގާއިމުކޮށްފައެވެ. މި ޓަވަރުތައް މެދުވެރިކޮށް ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް ހިދުމަތް މިހާރުވެސް އެ ސަރަހައްދުގައި ދަނީ ފޯރުކޮށްދެމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމުގެ އެންމެހާ ކަންކަމަކީ އެޗްޑީސީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވަނީ އެޗްޑީސީއަށް ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ރަސްމީކޮށް ދީފައެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސިޓީ އަކަށް ހެދުމަށް އެޗްޑީސީއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މި ގޮތުން ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމަކީ އެޗްޑީޑީސީގެ އެއް އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ.
މުއާސަލާތީ ޓަވަރުތަކުގެ އިތުރުންވެސް ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓުވޯކެއް އެޗްޑީސީއިން ވަނީ ހުޅުމާލޭގައި ގާއިމުކޮށްފައެވެ.