މިދިޔަ ނޮވެމްބަރުމަސް ނިމުނުއިރު ސަރުކާރުގެ ޚަރަދު 34.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ދަޢުލަތުގެ ޚަރަދުބަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނޮވެމްބަރުމަހުގެ ނިޔަލަށް 34.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއަހަރަށް ޚަރަދުކުރެވޭނޭކަމަށް ކަނޑައަޅާފައިވާ އަދަދަކީ 40.7 ބިލިއަން ރުފިޔާއެވެ.
ނޮވެމްބަރުމަހުގެ ނިޔަލަށް އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. މިބައިން އިދާރީ އަދި އޮޕަރޭޝަން ހަރަދުތަކަށް 15.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މުސާރަ އާއި ޕެންޝަނަށް ވަނީ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ލޯނު އަދާކުރުމަށް 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުނިތަކަށް ސަބްސިޑީ ދިނުމަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާސަންދައަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ނޮވެމްބަރުމަހުގެ ނިޔަލަށް ކެޕިޓަލް ޚަރަދުތަކަށް 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރޭގައި ބްރިޖުގެ މަސައްކަތަށް 755.9 މިލިއަން ރުފިޔާ، ބަނދަރުތަކަށް 863.9 މިލިއަން ރުފިޔާ އަދި އެއާޕޯޓަށް 518.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިނިސްޓްރީތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީ ފިޔަވައި މިއަހަރުގެ މިހާތަނަށް އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ ހައުސިން މިނިސްޓްރީ (5.4 ބިލިއަން ރުފިޔާ)އަށާއި އެޑިއުކޭޝަން މިނިސްޓްރީ (3.2 ބިލިއަން ރުފިޔާ) އަށެވެ.
މިއަހަރުގެ ނޮވެމްބަރުމަސް ނިމުނުއިރު ސަރުކާރުގެ ޚަރަދު 34.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 24.6 ބިލިއަން ރުފިޔާއެވެ.