ވާދޫ ކައުންސިލްގެ ރައީސް މުވައްޒަފުންނަށް ބިރުދައްކާ، އާއިލާއަށް އިންޒާރުދޭ ކަމުގެ ބޮޑެތި ތުހުމަތުތަކެއް

ގދ. ވާދޫ ކައުންސިލް ރައީސް، ޙަސަން ޢަބްދުﷲ--- ފޮޓޯ/ ސޯޝަލް މީޑިއާ

ގދ. ވާދޫ ކައުންސިލް ރައީސް، ޙަސަން ޢަބްދުﷲ އެ އިދާރާގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ތުހުމަތުކޮށް އޭނާ އެ މަގާމުން ވަކިކުރުމަށް އެދި އެރަށު ރައްޔިތުންގެ ފަރާތުން، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފަށް އެޑްރެސްކޮށް އެ ޕެޓިޝަން ހުށަހަޅާފައިވަނީ އާންމު ރައްޔިތުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ރަށު ކައުންސިލަރުން ހިމެނޭހެން 449 މީހުންގެ ސޮޔާއެކުގައެވެ. އެ ޕެޓިޝަނާއެކު އަފްޝަންއަށް އެޑްރެސްކޮށް ސިޓީއެއް ވެސް ވަނީ ފޮނުވާއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ކައުންސިލްގެ ރައީސް ޙަސަން، މުވައްޒަފުންނާ ސީދާ ދިމާކޮށް ބިރު ދެއްކުމާއި މުވައްޒަފުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ.

ރަށުގެ ސައި ހޮޓާ އަދި ކެފޭ ރެސްޓޯރަންޓުތަކުގަ އާއި މީހުން އެއްވާ ތަންތަަނުގެ އިދާރާގެ މުވައްޒަފުންނަށް ބަދުބަސް ބުނެ ބަދުނާމު ކުުރުމާއި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް އިންޒާރު ދޭ ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

ކައުންސިލް އިދާރާ ތެރޭގައި އޭނާ ހަޑިހުތުރު ބަސްތަކުން މުއާމަލާތް ކުރުމާއި ބޭއަދަބީ ބަސްތަކުން މުވައްޒަފުންނަށް އަޑުލެއްވުމާއި ރަށުގެ އާންމު ރައްޔިތުން ކައުންސިލުން ޚިދުމަތް ހޯދުމަށް އަންނަ ވަގުތުތަކުގައި ބޭއަދަބީ ބަހުރުވަ ބޭނުން ކުރާ ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި ކައުންސިލްގެ ރައީސް އިންނަވާ ކޮޓަރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގާނޫނާ ޚިލާފަށް މުވައްޒަފުންނަށް އަމުރުތައް ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

"ކައުންސިލަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ އެހެން ކައުންސިލަރުން ބަދުނާމު ކޮށް ސިވިލް ސާވިސް މުވައްޒަފުން ގާތު ހަޑިހުތުރު ވާހަކަ ދެއްކުމުގެ އިތުރުން ކައުންސިލް އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމުގައިވާ ސެކްރެޓަރީ ޖެނެރަލް ބައިޕާސްކޮށް ކަންތައްތައް ކުރުމަށް އިދާރާގެ ބައެއް މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ދަންނަވަން،" ސިޓީގައިވެއެވެ.

އެ ސިޓީގައި ވަނީ ކައުންސިލްގެ ރައީސްގެ އެ އަމަލުތަކުގެ ސަބަބުން ބިރުވެރިކަން އިންތިހާއަށް އޮތުމާއެކު ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އިދާރާގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން ބުނެފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ރައީސްގެ ފަރާތުން ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މެދުގައި ފިތުނަވެރި ވާހަކަތައް ދެއްކުމާއި މީސްމީޑިއާގައި ކައުންސިލް ބަދުނާމުކޮށް އިދާރީ މުވައްޒަފުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފަށް އެތަކެއް ވާހަކަތަކެއް ފޭސްބުކްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިޔެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ވަޒީރުންގެ ބައްދަލުވުންތަކުގައި އިންޒާރު ދިނުމާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނަށް އިންޒާރުދިނުމާއެކު ރަށުންގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާނެ ކަމަށް އެތައް ފަހަރަކު ބުނަމުން ދިޔުމާއެކު އެކަން މިހާރުވެސް ކުރަމުންދާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލްގެ މެމްބަރު މުޙައްމަދު ޝަގީގް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަތޮޅު ކައުންސިލުގެ ޓީމެއް ފޮނުވާނެ ކަމަށް އެލްޖީއޭއިން ބުނެފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ވާދޫ ކައުންސިލް ރައީސް، ޙަސަން ޢަބްދުﷲ މިއަދު 'ސަން' އަށް ވިދާޅުވީ އެއީ ވަކި ބަޔަކު އޭނާއާމެދު މީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ މައްސަލައަކީ ވަކި ބަޔަކު އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޕެޓިޝަންގައި ހުރީ އަޅުގަނޑާ އެއްވެސް ގުޅުންހުރި ވާހަކަތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ އެ ޕެޓިޝަން ހުށަހަޅާފައިވަނީ ކައުންސިލުގައި އުޅޭ ބަޔަކު ގަވާއިދުތަކާ އިޖުރާއަތުތަކާ ޚިލާފަށް ކައުންސިލުން ޚަރަދު ކުރަން އުޅުން ހުއްޓުވުމުން ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އެގޮތަށް ޚަރަދުތައް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް