މުޒާހަރާއިން ދެ މީހުން ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދިނުމުން، ބަންދަށް 15 ދުވަސް

އިދިކޮޅުން މާލޭގައި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ: ރޭ ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ދީފަ --- ސަން ފައިލް ފޮޓޯ: ނާއިލް ހުސައިން

އިދިކޮޅު ޕީޕީއެމްއިން މިދިޔަ އާދިއްތަ ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ މީހަކު ފުލުހަކަށް ހަމަލާ ދީފައިވާ ކަމަށް ތުހުމަތުކޮށް، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 21 މީހަކު ހައްޔަރުކުރި ނަމަވެސް ދެ މީހުން ފިޔަވައި އެންމެން ވަނީ ދޫކޮށްލާފައެވެ.

އުމުރުން 50 އަހަރާއި 47 އަހަރުގެ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހަކާމެދު މާރާމާރީ ހިންގައި ހަމަލާ ދިން ކަމަށެވެ. އަދި އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މުޒާހަރާ ކޮށްގެން ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މިހާރު ސިލްސިލާކޮށް މުޒާހަރާކުރާއިރު، ރޭ ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ދިވެހި ދިދަ ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައެވެ. ނަމަވެސް އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުނާ ދެމެދު ހަމަނުޖެހުން ހިނގިއެވެ.

comment ކޮމެންޓް