ޖޭއެސްސީ އިސްލާހުކުރާ ބިލް މަޖިލީހަށް ހުށަހެޅުމަށް އަދިވެސް މަސައްކަތް ކުރަނީ

ރައީސް އޮފީހުގައި މިއަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން އަންނަ ދައުރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެކަން ތަންފީޒުކުރުމަށްޓަކައި މިހާތަނަށް މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވެސް ރައީސް ދެއްވި ޖަވާބަކީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޖޭއެސްސީ އިސްލާހުކުރުން އެނގިވަޑައިގަންނަވާނެ ހުރިހާ ފަރާތެއްގެ މަޝްވަރާތައް ހޯދުމަށް ފަހުގައި މަޖިލިސް ފެށޭއިރުގަ ފުރަތަމަ ދައުރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުށަހަޅަން މި މަސައްކަތް ކުރަނީ," ރައީސް ވިދާޅުވިއެވެ.

އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެމަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ ތާއީދު ނުލިބުމުން ކޮންމެ ފަހަރަކު ވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

އެ ކޮމިޝަން މިހާރު އެކުލަވާލެވިފައިވާ ގޮތުން ކޮންމެ ސަރުކާރަކުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދިޔަ މަޝްވަރާއާއި، ކަމާގުޅޭގޮތުން ކޮށްފައިވާ ދިރާސާގެ އަލީގައި "ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، ދާދި ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އާންމު ކޮށްފައެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަށް ޝަރުއީ ދާއިރާ އާއި ގިނަ ރައްޔިތުން ވެސް ދެކޮޅުކަން ހާމަކުރި ނަމަވެސް އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ދެކޭކަން އެ ކަރުދާހުން އެނގެއެވެ.

comment ކޮމެންޓް