މި ފަހަރު މެސީ އަށްވަނަ ބެލަންޑޯ އެވޯޑު ހާސިލްކުރާނެ: ލެވަންޑޮސްކީ

މެސީ އޭނާގެ ހަތް ބެލަންޑޯ އެވޯޑާއެކު --

ކެރިއަރުގައި އަށްވަނަ ފަހަރަށް ބެލަންޑޯ އެވޯޑު ހާސިލްކޮސް، ކުރިއަށް އޮތް ބެލަންޑޯ އެވޯޑު ހަފްލާގެ ތަރިއަކަށްވާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށް، ބާސެލޯނާއާއި ޕޮލެންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލެވަންޑޮސްކީ ބުނީ، ބެލަންޑޯ އެވޯޑު މި ފަހަރު ހާސިލްކުރާނެ ފޭވަރިޓުންގެ ގޮތުގައި އެއް ކުލަބަކަށް ކުޅޭ ދެ ކުޅުންތެެރިއަކު އެބަހުރި ކަމަށެވެ. ލެވަންޑޮސްކީ އިޝާރާތް ކޮށްފައި މިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީއާއި އެޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަށެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް މި ފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ފައިނަލް މެޗުގައި މެސީގެ އިސް ދައުރަކާއެކު އާޖެންޓީނާއިން ކުރިހޯދިއިރު، އެ މެޗުގައި ފްރާންސްގެ ތިން ލަނޑު ކާމިޔާބު ކޮށްދީ ހެޓްރިކް ހެދީ އެމްބާޕޭ އެވެ.

ލެވަންޑޮސްކީ ބުނީ ފޭވަރިޓުންގެ ގޮތުގައި މި ދެ ކުޅުންތެރިން ތިބި ނަމަވެސް، އެ ދެ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕް ކާމިޔާބު ކުރި މެސީއަށް އެވޯޑު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް މެސީ ހޯދަމުން އަންނަކަން ލެވަންޑޮސްކީ ފާހަގަކޮށްފައި ވެއެވެ.

މެސީ އަކީ މި ފަހަރުގެ ބެލަންޑޯ ކާމިޔާބުކުރާނެ ކުޅުންތެރިޔާ ކަމަށް ލެވަންޑޮސްކީ ބުނާއިރު، މި ފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއިން ކުޅުނު ފަސް މެޗުން މެސީ ވަނީ އެ ޓީމަށް ހަތް ލަނޑު ކާމިޔާބު ކޮށްދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މެސީއެވެ. އެ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު އަށް ލަނޑު ޖަހައިގެން ހޯދީ އެމްބާޕޭ އެވެ.

ވޯލްޑް ކަޕް ކާމިޔާބުކޮށް ފުޓުބޯޅައިގައި ހޯދެންހުރި ހުރިހާ ކާމިޔާބީއެއް މެސީ ހާސިލްކޮށްފައިވާއިރު، ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ނުވަތަ ފުޓުބޯޅައިގެ "ގޯޓް" އެވެ.

މީގެކުރިން ހަތް ފަހަރަށް ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ އަކީ މި އެވޯޑުގެ ތާރީޚުގައި އެންމެ ގިނަ ފަހަރަށް އެވޯޑު ހޯދި ކުޅުންތެރިޔާ ވެސް މެއެވެ.

comment ކޮމެންޓް