ރަސްފަންނުގައި ފަތުރުވެރިންތަކެއް ބިކިނީގައި ތިބި މައްސަލައެއް ހޫނުވެއްޖެ

ރަސްފަންނުގައި ތިބި ދެ ފަތުރުވެރިން

މާލޭގެ ރަސްފަންނު ސަރަހައްދުގައި ފަތުރުވެރިންތަކެއް ބިކިނީގައި ތިބި ފޮޓޯއެއް އާންމުވެ އެ މައްސަލަ ހޫނުވެއްޖެއެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ދެ ފަތުރުވެރިއަކު ރަސްފަންނުގައި ނިވާކަން ކުޑަ ގޮތެއްގައި އިށީނދެގެން ތިބޭ އިރު، އެމީހުންނަށް ފުލުހަކު ވާހަކަ ދައްކާ މަންޒަރު ވެސް ފެނެއެވެ.

މިކަން މިހެން ހިނގިއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމު ތަންތަނުގައި ނިވާ ކަން ކުޑަ ހެދުން ލައިގެން އުޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ރަސްފަންނުން ނިވާކަން ކުޑަ ގޮތެއްގައި ފެނުނު ފަތުރުވެރިންނަށް ނަސޭހަތް ދީފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެކަމަކު، އެމީހުންނާ ދޭތެރޭ އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވުމާއެކު މީސްމީޑިއާގައި މިކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ރާއްޖެ ފަދަ މުސްލިމް ގައުމެއްގައި އެފަދަ ގޮތަކަށް އުޅުން ގިނަ މީހުން ވަނީ ކުށްވެރިކޮށްފައެވެ.

ދޭތެރެއަކުން މިފަަދަ މައްސަލަތައް ފެންމަތިވާއިރު، ގެސްޓް ހިންގާ ރަށްރަށުގައި ވެސް މި މައްސަލަ ވަނީ ބޮޑުވެފައެވެ. ނަމަވެސް، ގެސްޓުހައުސް ހިންގުމާ ބެހޭ ޤަވާޢިދުގެ 27 ވަނަ މާއްދާގެ ދަށުން ފަތުރުވެރިން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުމާއި ބަރަހަނާވުމަކީ މަނާކަމެކެވެ.

އއ. ރަސްދޫ، އއ. ތޮއްޑޫ އަދި ކ.މާފުށިން ވެސް ދާދި ފަހުން މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެގޮތުން އއ. ރަސްދޫގައި މި މައްސަލަތައް ގިނަ ވުމުގެ ސަބަބުން އެރަށު ކައުންސިލުން ބަޔާނެއް ވެސް ނެރުނެވެ. އަދި، ކ. މާފުށީގައި އާންމުން އުޅޭ ހިސާބުގައި ފަތުރުވެރިއަކު ބިކިނީގައި އުޅެނިކޮށް އެ ރަށުގައި ތިބި ފުލުހުން އޭނާ ނިވާކުރުމުން އެ މައްސަލަ ދުނިޔޭގެ ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ވެސް ކުރިއެވެ.

comment ކޮމެންޓް