އެއާޕޯޓު ޓެކްސީ ކިއު ކައިރީ ޒުވާބުކޮށް، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ބަޔަކަށް ނަސޭހަތްދީފި

ވީއައިއޭގައި ހަމަނުޖެހުން ހިންގަނީ: އެ ކަން ކުރި ކަމަށް ތުހުމަތުވާ މީހުންނަށް ފުލުހުން ވަނީ ނަސޭހަތް ދީފައި --- ފޮޓޯ/ އެމްވީ ކްރައިސިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިއު ސަރަހައްދުގައި ޒުވާބުކޮށް، ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުވާ ބަޔަކަށް ފުލުހުން ނަސޭހަތްދީފިއެވެ.

މީސްމީޑިއާގައި ދައުރުވާ ކުރު ވީޑިއޯއަކުން ފެންނަނީ، ވީއައިއޭގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ މީހެއްގެ މެދުގައި ހަމަނުޖެހުން ހިންގާ ތަނެވެ. އޭގެތެރެއިން، މަޑު ފިޔާތޮށި ކުލައެއްގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު، އެހެން ފިރިހެނެއް ގައިގައި ފައިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ ކަން ހުއްޓުވަން، އެއާޕޯޓުގެ ސެކިއުރިޓީއަކު އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، ވެލާނާ އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ބަޔަކު ޒުވާބުކޮށް، ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބުނީ، ރޭ 12:15 ހާއިރު ކަމަށެވެ.

އެގޮތުން، ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހާޒިރުކޮށް މައުލޫމާތު ސާފުކުރި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި، އެ މީހުންނަށް ނަސޭހަތްދިން ކަމަށް ފުލުހުން ފާހަގަކުރިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވީއައިއޭއިން ކޮންމެ ދުވަހަކު ވެސް އެތައް ހާސް މީހުން ޚިދުމަތް ހޯދާއިރު، މީގެ ކުރިން ވެސް އެއާޕޯޓުގައި ހަމަނުޖެހުންތައް ހިންގި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސްވެއެވެ.

comment ކޮމެންޓް