އޮލިމްޕަހުގައި ފުރަތަމަ އަޅުވާ ފިލްމަކަށް ޑާކް ރެއިންގެ 'ބީވީމާ'!

މަރާމާތަށް ފަހު ދިވެހިންގެ ތިއޭޓަރު އޮލިމްޕަސް އަލުން ހުޅުވާއިރު އެންމެ ފުރަތަމަ އަޅުވާ ފިލްމަކަށް ވާނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ 'ބީވީމާ' ކަމަށް ޑާކްރެއިން ޕްރޮޑަކްޝަން އިން ބުނެފިއެވެ.

'ބީވީމާ'ގެ އޮފިޝަލް ޓްރެއިލާ އާއި ޕޯސްޓަރު ލޯންޗް ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ޑާކް ރެއިން އިން ބުނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ބެލުންތެރިންނަށް އޮލިމްޕަހުން މި ފިލްމު ބަލާލެވޭނެ ކަމަށެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އަޝްފާ، އައިމިނަތު ރަޝްފާ (އާޝާ), އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

'ބީވީމާ' ގެ އޮފިޝަލް ޓްރެއިލާ އަދި ޕޯސްޓަރު ލޯންޗް ކުރުމަށް މިރޭ ބޭއްވި ހަފުލާ / ސަން ފޮޓޯ: ނާއިލް ހުސައިން

ފިލްމާ ބެހޭ ގޮތުން ވާހަދައްކަމުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، މި ފިލްމު ޝޫޓުކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަމުން ވަރަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި، ކޮވިޑަށް ފަހު މުޅި ފިލްމް އިންޑަސްޓްރީވެސް އެ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕޯސްޓަރާއި ޓްރެއިލާ އާއެކު މި ފިލްމުގެ މެއިން ލަވަ ވެސް ރޭ ދައްކާލާފައިވެއެވެ. މި ލަވަ ކިޔާފައިވަނީ އަޝްފާއާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ.

'ބީވީމާ' ގެ އޮފިޝަލް ޓްރެއިލާ އަދި ޕޯސްޓަރު ލޯންޗް ކުރުމަށް މިރޭ ބޭއްވި ހަފްލާ / ސަން ފޮޓޯ: ނާއިލް ހުސައިން

މި ފިލްމަކީ ސައުތު އިންޑިއަން ފިލްމް '96' އިންސްޕިރޭޝަނަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މޮގާ ބުނީ، 'ބީވީމާ' އަކީ މީހުން ގަޔާވާ ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން ތިއޭޓަރުން ނުކުންނައިރު، ފިލްމުގެ ޑައިރެކްޓަރު ބޭނުންވާ އަސަރު ބެލުންތެރިންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް ޑާކް ރެއިން އިން ބުނެއެވެ.

މި ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤްއެވެ. ކެމެރާކޮށްފައި ވަނީ ސިނަމޮޓޮގްރާފަރު އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި، ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ)އެވެ.

comment ކޮމެންޓް