ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މ. ކޮޅުފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ކޮޅުފުށީގައި ބޭއްވި ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން މ. ކޮޅުފުށްޓަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނުގެ މިދަތުރުފުޅުގަައި ވަނީ، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފުތިތާހިކޮށްދެއްވާފައެވެ. މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.
އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބޭއްވި އަތުގުޅާލުމުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ކޮޅުފުށީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލުންވަނީ، އެއްފަހަރާ އެންމެ ގިނަ ތަރައްޤީގެ މަޝްރޫއުތައް ކޮޅުފުށީގައި ހިންގަމުން އަންނަނީ މިސަރުކާރުންކަން ފާހަގަކޮށް ރައީސަށް ޝުކުރު އަދާކޮށްފައެވެ.

ރައީސްގެ ދެކަނބަލުން މ. ކޮޅުފުށްޓަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން އަސާސީ ޚިދުމަތްތައް ރަށުގައި ގާއިމު ކުރެވިފައިވާ ކަމަށާއި، 100 ހައުސިން ޔުނިޓްގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިމުމުން މިހާރު ހުރި ގިނަ ދަތިތައް ހައްލުވާނެ ކަމުގައި ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ މަގުތައް ހެދުމާއި، ބޯޅަދަނޑު ހެދުމާއި، އިޖުތިމާއީ މަރުކަޒަކާއި، އަދި އަތޮޅުވެރިކަން ކުރާރަށް މުއްޔަށް ފަޅު ތެރެއިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުން ބޭނުންވުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، އަންނަ އަހަރުގެ ކޮޅުފުށީގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ކައުންސިލާއި ހިއްސާކުރައްވާފައެވެ. އަދި ކޮޅުފުށީގައި ސަރުކާރުން އަޅަންފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށް ގެންގޮސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.