ހުކުމާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ހުރަހެއް

ރައީސް ޔާމީން: ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮަރު ވަނީ ބަންދުވެފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން ހުރަސް އެޅިއްޖެއެވެ.

ޔާމީންގެ މައްޗަށް އެ ހުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ވަނީ ގާނޫނީ ހުރަހަކާ ކުރިމަތިވެފައެވެ. އެއީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވެފައިވާ ނަމަ ކަމަށް ގާނޫނު އަސާސީގައި ބަޔާކޮށްފައިވާތީއެވެ. ހުކުމަށް ކަނޑައެޅި އަދަބު މައާފުކޮށް ތިން އަހަރު ވެފައިވާ ނަމަވެސް އިންތިހާބުގައި ވާދަކުރެވިދާނެ އެވެ.

"ގާނޫނު އަސާސީގެ 109 ވަނަ މައްދާގެ (ޅ): ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން"

މީގެ ކުރިން ވެސް ޖިނާއީ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމަށް ހައި ކޯޓުން ތާއިދު ވެސް ކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާ ގުޅިގެން ޔާމީން މިނިވަންވެވަޑައިގަތެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުރި ހުރަސްތައް ނެތިގެން އޭރު ދިޔައެވެ.

ޔާމީން ޖަލަަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް ދެވަނަ ކެންޑިޑޭޓަކަށް ޕީޕީއެމުން ވިސްނާނެ އެއްވެސް ހާލަތެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓާ ހަމައިން އިންސާފު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް