އަންހެނުންގެ ވޯލްޑް ކަޕުގައި ފަލަސްޠީނުގެ ރެފްރީއަކަށް ފީފާއިން ފުރުސަތުދީފި

ފަލަސްޠީނުގެ ރެފްރީ ހިބާ ސާދިއާ --

އަންނައަހަރު ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕަށް އެކުލަވާލި ރެފްރީންގެ ޓީމުގައި، ފަލަސްޠީނުގެ ރެފްރީއަކަށް ފީފާއިން ފުރުސަތުދީފިއެވެ.

މި ވޯލްޑް ކަޕުގެ ރެފްރީންގެ ޓީމުން ފުރުސަތު ދީފައިވަނީ ފަލަސްޠީނުގެ ހިބާ ސާދިޔާ އަށެވެ. މިއާއެކު ހިބާ ވާނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އަންހެނުންގެ ވޯލްޑް ކަޕެއްގައި އިންސާފު ކުރާނެ ފުރަތަމަ ފަލަސްޠީނުގެ ރެފްރީއަށެވެ.

ރިޕޯޓުތައް ބުނާގޮތުން ހިބާ ވޯލްޑް ކަޕުގައި ހަތަކާތްތެރިވާނީ އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައެވެ.

ހިބާ، ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ފެށީ 2022 ވަނަ އަހަރު ފިރިހެނުންނަށް ހާއްސަކޮށްގެން ބޭއްވި (މޮރިސް ރެވެލޯ) މުބާރާތުގައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 ގައުމެއްގެ ބައިވެރިވުމާއެކު ފްރާންސްގައި ބޭއްވި 21 އަހަރުން ދަށުގެ މުބާރާތެވެ.

ފަލަސްތީނުގެ ހެބާ އަލް ސާދިޔާ މީގެކުރިން ވަނީ މިދިޔަ ފެބްރުއަރީ މަހު އިންޑިއާގައި ބޭއްވި އޭޝިއަން ވިމެންސް ކަޕުގައި ވެސް ރެފްރީކަން ކޮށްފައެވެ. އަދި މި އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އޭއެފްސީ ކަޕުގައި ވެސް ހިބާ ރެފްރީކަން ކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕް ދެ ގައުމަކުން ހޯސްޓު ކުރާއިރު މިއީ މުބާރާތުގެ ތާރީޚުގައި ވެސް މި ގޮތަށް މުބާރާތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މުބާރާތް ކުރިއަށް ގެންދާނީ އޮސްޓްރޭލިއާއާއި ނިއުޒިލެންޑުގައެވެ. އަދި މިއީ ސަދަން ހެމިސްފިއާގައި މި މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މިއީ މުބާރާތުގެ ތާރީޚުގައި ވެސް، 32 ޓީމުގެ މެދުގައި މުބާރާތް ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. 2019 ވަނަ އަހަރު ފީފާ ވިމެންސް ވޯލްޑް ކަޕް ކުޅުނީ 24 ޓީމުގެ މެދުގައެވެ.

comment ކޮމެންޓް