މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިއްޖެއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެގިކަމާއި މަނީ ލޯންޑާކުރުމުގެ ކުށް ދެންމެ ވަނީ ސާބިތުވެފައެވެ.
އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ.
ރިޝްވަތު ގަބޫލުކުރުމަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އަދި އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
ނަމަވެސް ދައުލަތުން އެދުނީ ކުށުގެ ބާވަތަށާއި ކުށްކުރިއިރު ރައީސް ޔާމީން ހުންނެވި މަގާމަށް ބަލައި ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ.
ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ, އާންމު ހިދުމަތެއް ނުވަތަ އާންމު މުއައްސަސާއަކާ މެދު އެކަށީގެންނުވާ މިންވަރަކަށް އިތުބާރު ގެއްލުވާލާފައިވާ އަމަލެއް ނަމަ އެއް ދަރަޖަ މަތި ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީން އެ ކުށް ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރައީސް އޮފީހާއި ދައުލަތުގެ ވުޒާރާތަކުގެ ބާރުތައް އެބިއުޒް ކޮށްގެން ކަމަށް ވަކީލް ވިދާޅުވިއެވެ.
"ރިޝްވަތުގެ ކުށަކީ މަންފާއެއްގެ ގޮތުގައި ކިތަންމެ ކުޑަ މާއްދީ އަދި މާއްދީ ނޫން މަންފާއެއް ހޯދި ނަމަވެސް ފުރިހަމަވާނެ ކުށެއް. ފައިސާގެ އަދަދުން ބަލާނަމަ މި މައްސަލައިގައި މި ހިމެނެނީ އެއް މިލިއަން ރުފިޔާ. އެއް ރުފިޔާ ނަމަވެސް ރިޝްވަތުގެ ކުށް ފުރިހަމަ އެބަވޭ. އެހެންކަމުން މިއީ ގާނޫނުލްއުގޫބާތުގެ ދަށުން ތިން ދަރަޖަ މަތިކުރެވޭނެ ހާލަތެއް," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުން އެދުނީ ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގައި ގާނޫނުން ދެވެން އޮންނަ އެންމެ ބޮޑު އަދަބެއް ރައީސް ޔާމީނަށް ދިނުމަށެވެ. އެއީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ކުށް ކުރަން ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ ދައުލަތަށް ނަގައި ދިނުމަށެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އަދަބާ ގުޅޭ ގޮތުން ދިފާއަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އެދުނީ މަޝްވަރާ ކޮށްލުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ.
ދިފާއަށް އެ ފުރުސަތު ދެއްވުމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވިއެވެ. އަޑުއެހުން މެދުކަނޑާލެއްވުމަށްފަހު ދެން ފައްޓަވާނީ މެންދުރު 2:00 ޖަހާއިރު ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.