ފިލިޕްސް ވޯލްޑްކަޕަށްފަހު މާބޮޑަށް ބަރުވެއްޖެ، އެ ހާލަތުގައި އޭނާއަކަށް ނުކުޅެވޭނެ: ގާޑިއޯލާ

ކެލްވިން ފިލިޕްސް----

މިދިޔަ އާދިއްތަ ދުވަހު ނިމުނު ވޯލްޑްކަޕަށްފަހު މެންޗެސްޓާ ސިޓީއަށް ކުޅޭ އިނގިރޭސި މިޑްފީލަޑަރު ކެލްވިން ފިލިޕްސް އެނބުރި އައިއިރު އޭނާ މާބޮޑަށް ބަރުވެފައިވާކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ވޯލްޑްކަޕަށް ސީޒަން މެދު ކަނޑާލުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ސިޓީން ވަނީ ލިވަޕޫލާ ދެކޮޅަށް އިނގިރޭސި ލީގު ކަޕްގައި އެ ޓީމުގެ ފުރަތަމަ މެޗު ކުޅެފައެވެ.

އެ މެޗަށް ނެގި ސްކޮޑުގައި ފިލިޕްސް ހިމަނާފައެއް ނުވެއެވެ. އޭރު ގާޑިއޯލާ ބުނީ ފިލިޕްސް މެޗަށް ފިޓު ނުވާކަމަށެވެ. އެހެންނަމަވެސް މިހާރު ގާޑިއޯލާ ވަނީ ފިލިޕްސް ސްކޮޑުން ބޭރުކުރި ސަބަބު ސާފުކޮށްދީފައެވެ.

ގާޑިއޯލާ ބުނީ ފިލިޕްސް ސްކޮޑުން ބޭރު ކުރީ އަނިޔާގެ މައްސަލައެއް ކުރިމަތިވެގެން ނޫންކަމަށެވެ. އޭނާ ސްކޮޑުން ބާކީ ކޮށްފައިވަނީ މާ ބޮޑަށް ބަރުވެގެންކަމަށް ގާޑިއޯލާ ބުންޏެވެ.

"އޭނާ އައީ ރަނގަޅު ހާލަތެއްގައެއް ނޫން. އޭނާ އަދި ތައްޔާރުވާނެ. ނަމަވެސް އަދި ފިލިޕްސް ހުރީ ޓްރެއިނިންގައި އަދި ކުޅުމުގައި ބައިވެރިވެވޭ ހާލަތެއްގައެއް ނޫން," ގާޑިއޯލާ ބުންޏެވެ.

ފިލިޕްސްއަކީ މި ސީޒަނަށް ސިޓީގެ ސްކޮޑު ވަރުގަދަ ކުރުމަށް ލީޑްސްއިން ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާހުރެ އޭނާއަށް މި ސީޒަންގައި ކުޅެވިފައިވަނީ ޕްރިމިއާ ލީގުގެ އެންމެ މެޗެކެވެ.

ގާޑިއޯލާއަކީ ކުޅުންތެރިންގެ ފިޓްނަސްއަށް ވަރަށް ބޮޑު އިސްކަމެއްދޭ ކޯޗެކެވެ. އެގޮތުން ގާޑިއޯލާ 2016 ވަނަ އަހަރު ހަވާލުވެ އޭރު އެ ޓީމު ކުޅުންތެރިންގެ ފިޓްނަސްގެ ހާލަތާ މެދު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ވޯލްޑްކަޕްގައި ފިލިޕްސް ކުޅެނީ ---

ކުޅުންތެރިން ފިޓް ކުރުމަށް ގާޑިއޯލާ ވަނީ ފުރަތަމަ ދުވަހުން ފެށިގެން ޚާއްސަ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް އަމަލުކުރުމަށް ކުޅުންތެރިންނަށް އަންގައިފައެވެ.

ޕިއްޒާ އާއި ބައެއް ކަހަލަ ޖޫހާއި އަދި ބައެއް ބާވަތުގެ ބަރު ކެއުންތައް ނުކާން ކުޅުންތެރިންނަށް ގާޑިއޯލާ ވަނީ އަންގައިފައެވެ. އަދި ކޮންމެ ކުޅުންތެރިއެއްގެ ހަށިގަނޑަށް ބިނާކޮށް ކަނޑައަޅާ ބަރުދަނަށް ވުރެ ފަލަވެއްޖެ ނަމަ ހިކިގެން ނޫން ގޮތަަކަށް އެއް ވަނަ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެވޭ ގޮތަށް ގާޑިއޯލާ ވަނީ އުސޫލެއް ކަނޑައަޅައިފައެވެ.

ވޯލްޑްކަޕަށް މެދު ކަނޑާލުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގު މާދަމާ އަލުން ފަށާއިރު ތާވަލުގެ އެއްވަނައިގައި އާސެނަލް 37 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި 32 ޕޮއިންޓާއެކު އޮތީ ސިޓީއެވެ. މެދުކެނޑުމަށްފަހު ސިޓީން ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗަކީ އަންނަ ބުދަ ދުވަހުގެ ރޭ 1:00 ގައި ލީޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް