ލޯކީގެ އާ ސީޒަންގެ ފަސްޓް ލުކް އާންމުކޮށްފި

ޑިޒްނީގެ ސްޓްރީމިން ސާވިސް އިން މިދިޔަ އަހަރު ދެއްކި މާވެލްގެ ކެރެކްޓާ ކަމަށްވާ "ލޯކީ" ޝޯގެ ދެވަނަ ސީޒަންގެ ފަސްޓް ލުކް އާންމުކޮށްފިއެވެ.

މާވެލް އާއި ޑިޒްނީގެ އާ ސުޕަހީރޯ ފިލްމު ކަމަށްވާ "ޝަންގް ޗީ އެންޑް ދަ ލެޖެންޑް އޮފް ޓެން ރިންގްސް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ލޯކީގެ ދެވަނަ ބައެއް ނެރޭނެ ކަމަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރެވެ.

އަދި ލޯކީގެ ރޯލުން ފެނިގެންދާ ޓޮމް ހިޑްލްސްޓަން، އެ ޝޯއަށް އެނބުރި އަންނާނެ ކަމަށް މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފައިގީ އެ އިވެންޓުގައި ހާމަކުރިއެވެ. އެ އިއުލާނަށްފަހު ޝޯއާ ގުޅޭ މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.

https://www.youtube.com/watch?v=5ztN90jb9wM

ނަމަވެސް އެންމެފަހުން މިއޮތީ ލޯކީގެ އާ ސީޒަނާ ގުޅޭ މުޅިން އާ ވާހަކަތަކެއް އާންމުކޮށްފައެވެ. ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އިން ދާދިފަހުން އާންމުކޮށްފައިވާ ޓްރެއިލާއަކުން ޑިޒްނީއިން އަންނަ އަހަރު ދައްކާނެ ގިނަ ކޮންޓެންޓުތަކެއް ވަނީ ހާމަކޮށްފައެވެ.

މީ ޓްރެއިލާ ވީޑިއޯ ނެރޭޓްކޮށްފައިވަނީ ހިޑްލްސްޓަން އެވެ. އަދި ޓްރެއިލަރުން ލޯކީގެ އާ ސީޒަނުން މަންޒަރެއް ފެނިގެން ދެއެވެ. އެ މަންޒަރުގައި ލޯކީގެ އިތުރުން މޯބިއަސްގެ ރޯލުން ފެންނަ އޮވެން ވިލްސަން އެކީގައި ތިއްބައި ފެނިގެން ދެއެވެ. ހުރިހާ ކެރެކްޓަރުން ތިބީ ކަޅުކުލައިގެން ސޫޓެއް ލައިގެންނެވެ.

ލޯކީގެ އާ ސީޒަން ދައްކަން ފަށާނެ ދުވަހެއް އަދި ޑިޒްނީއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި ޝޯގެ އާ ސީޒަން ދައްކަން ފަށާނެއެވެ.

comment ކޮމެންޓް