އޮފިސަރުން ވަކިކުރުން ހުއްޓުވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

ފުލުހުންގެ ފަސް އޮފިސަރަކު ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އަމުރު އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުން:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  3. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
  4. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  5. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  6. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  7. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

މަގާމުން ވަކިކުރުމަށް ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ސިިވިލް ކޯޓަށް މައްސަލަ ހުށަހަޅީ ފަސް އޮފިސަރެކެވެ. މައްސަލަ ހުށަހަޅާފައި ނުވަނީ ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދެވެ.

ފަސް އޮފިސަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, އެބޭފުޅުން މަގާމުން ވަކިކުރަން ނިންމިއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އަދި ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.

ސިއްރުން ބޭއްވި އަޑުއެހުންތަކަށް ފަހު އިއްޔެ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ, ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އޮފިސަރުން ވަކިކޮށް ބައެއް އޮފިސަރުން ވަކިކުރުމަށް ދީފައިވާ ނޯޓިސް އަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ނިންމުން ބާތިލް ކުރުމަށް ގާޒީ އަލީ އަބްދުالله ކޮށްފައިވާ ޙުކުމުގައި ވަނީ އަންގައިފައެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ, ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ, އެ ނިންމުމުގައި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގައެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ އޭޕްރިލް މަހު އެކުލަވާލައިފައެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވެއެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް